ހަބަރު

ހަތް ފަނޑިޔާރަކު ހުވާ ކުރައްވައިފި

ދަށު ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރި ފަނޑިޔާރުން މަގާމުގެ ހުވާ ކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާ ފަނޑިޔާރުންނަށް ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން އެވެ. ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެމްބަރު ރައީސް މުހައްމަދު ނަޝީދާއި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހުވާކުރެއްވި ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން

  • ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު
  • ސިވިލް ކޯޓުގެ ފަނޑިޔާރު އަހްމަދު އަބްދުލްމަތީން
  • ސިވިލް ކޯޓުގެ ފަނޑިޔާރު ފައްޔާޒް ޝާތިރު
  • ސިވިލް ކޯޓުގެ ފަނޑިޔާރު އާއިޝަތު އަޒްފާ އަބްދުލްޣަފޫރު
  • ސިވިލް ކޯޓުގެ ފަނޑިޔާރު ރިޒްމީނާ
  • ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، ފަތުހުﷲ ޖަމީލް މޫސާ
  • ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، އަބްދުﷲ ހުސައިން

ހުވާ ކުރެއްވި ފަނޑިޔާރުންނާއި މަގާމުގެ ފަތްކޮޅު ހަވާލު ކޮށް ދެއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ މިދިޔަ އަހަރު އެންމެ ގިނައިން އާންމުންގެ ޝަކުވާ އައީ ކޯޓްތަކުގައި މައްސަލަތައް ލަސް ވެގެން ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތްތަނުގައި އެކަން އިސްލާހު ކުރަން ފަނޑިޔާރުން މަސައްކަތް ކުރައްވަން ޖެހި ވަޑައިގަންނަވާނެ ކަމަށެވެ.

މީގެ ކުރިން އެއްވެސް ފަނޑިޔާރަކަށް ކޯޓުތަކުގައި މައްސަލަތައް ހިނގާނެ ތަމްރީނު ލިބިފައި ނުވާ ކަމަށާއި، ފަނޑިޔާރުކަން ކުރެވޭނީ ތަމްރީނުތައް ލިބި ވަޑައިގެން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މަސްތޫރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަނޑިޔާރުންނަށް ލިބިދޭންޖެހޭ ތަމްރީނުތަކަކީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ލިބިދޭންޖެހޭ ތަމްރީނުތަކުގެ ގޮތުގައި ކަނޑައަޅާނެ ކަމަށެވެ. ފަނޑިޔާރުންގެ ބެންޗުގައި އެ ފަދަ ތަމްރީނުތަކެއް ނެތި މަސައްކަތް ކުރެއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.