ސަތާރަ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައި އެކަން އިއުލާންކޮށްފި އެވެ.
ސުލޫކީ މައްސަލަ ބަލާކަން ހާމަކޮށް ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި 17 ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމީ ކޮވިޑާ ގުޅިގެން ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން ސުޕްރީމް ކޯޓާއި އެ ކޮމިޝަނުން ނެރުނު ސާކިއުލާއާ ހިލާފަށް އަމަލު ކޮށްފައިވާތީ ކަމަށެވެ.
ކޮވިޑާ ގުޅިގެން ސަރުކާރު ބަންދުކުރި ނަމަވެސް މެދުކެނޑުމަކާ ނުލައި ކޯޓުތަކުން ހިދުމަތްތައް ފޯރުކޮށްދޭން އެ ސާކިއުލާގައި އަންގައިފައި ވެއެވެ. ނަމަވެސް އެ އުސޫލާ ހިލާފުވެފައިވާތީ ޖޭއެސްސީ އިސްނަގައި މައްސަލަ ބަލަން ނިންމީ އެވެ.
ފިޔަވަޅުއަޅާ ފަނޑިޔާރުންގެ ތެރޭގައި ސިވިލް ކޯޓާއި ޑުރަގު ކޯޓުގެ ދެ ގާޒީއަކު ހިމެނެ އެވެ. އެއީ ސިވިލް ކޯޓްގެ ގާޒީ އާދަމް އިބްރާހިމް އިސްމާއީލް އާއި ޑްރަގް ކޯޓުގެ ގާޒީ ހުސައިން ޝަހާމަތު މާހިރެވެ.
ދެން ހިމެނީ ޅ. ކުރެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހުސައިން އިބްރާހިމާއި ދ. މީދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަފީގާއި އެ އަތޮޅު ބަނޑިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު އާމިރާއި މ. މުލީ ކޯޓްގެ މެޖިސްޓްރޭޓް އަހުމަދު ޝަރީފާއި ކ. ދިއްފުށީ ކޯޓްގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހުމަދާއި ކ. ގުޅީ އިސް މެޖިސްޓްރޭޓް ހަންމާދު މުހައްމަދާއި ލ. ކުނަހަނދޫ އިސް މެޖިސްޓްރޭ އަބްދުލް މަޖީދާއި ހޯރަފުށީ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފާއި ޅޮހީ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކާއި ވެލިދޫ އިސް މެޖިސްޓްރޭޓް އަހުމަދު ސައީދު އަލީ އާއި ހެނބަދޫ އިސް މެޖިސްޓްރޭޓް އަހުމަދު ޝަރީފާއި ރ. ވާދޫ އިސް މެޖިސްޓްރޭޓް ނަޒީރު މުހައްމަދާއި އުނގޫފާރު އިސް މެޖިސްޓްރޭޓް މުހައްމަދު ސޯދިގާއި ތުޅާދޫ އިސް މެޖިސްޓްރޭޓް އަބްދުﷲ ހަމީދާއި ކިނޮޅަހު އިސް މެޖިސްޓްރޭޓް އިބްރާހިމް ޒާހިރެވެ.
ސުލޫކީ އެކި މައްސަލަތަކުގައި ޖޭއެސްސީން މިދިޔަ އަހަރު ވަނީ ނުވަ ފަނޑިޔާރަކު ވަކިކޮށް ދެ ފަނޑިޔާރަކު ސަސްޕެންޑް ކޮށްފަ އެވެ.