ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކޮމިޝަނުގައި އިންނަވާ ހިސާން ހުސެއިން އައްޔަންކޮށްފި އެވެ.
ޖޭއެސްސީގެ ރައީސް ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން އައްޔަން ކޮށްފައިވަނީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.
ކޮމިޝަނަށް އާ ރައީސްއަކު އައްޔަން ކޮށްފައިވަނީ ރައީސް ކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަނޑިޔާރު އަރީފް އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ. ނަމަވެސް އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ތައްޔާތރުވަމުން ދިޔަ ކަމަށްވެ އެވެ.
ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ފަރާތުން އިންނަވާ، ފަނޑިޔާރު އަރީފް، ރައީސް ކަމުން އިސްތިއުފާ ދެއްވާފައިވާއިރު އޭނާއާ ގުޅޭ ސުލޫކީ ގިނަ މައްސަލަތަކެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.
ފަނޑިޔާރު އަރީފްއާ ގުޅޭ ގޮތުން ބަލަމުން ދަނީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ކަމަށް ބުނާ މައްސަލަތަކެކެވެ. އެ މައްސަލަތަކުގެ އަދަދު 60 އަށް އަރަ އެވެ.
ފަނޑިޔާރު އަރީފްގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަތައް ވެސް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ.
އެ ދެ ބޭފުޅުން ވެސް ވަނީ ޖޭއެސްސީ ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖޭއެސްސީއިން ހިންގާ ތަހުގީގުތަކަކީ ޣައިރު ގާނޫނީ ތަހުގީގެއް ކަމަށް ވިދާޅުވެ ޖޭއެސްސީއަށް ހާޒިރުވާން ދެ ބޭފުޅުން ވެސް ވަނީ އުޒުރުވެރިވަޑައިގެންފަ އެވެ.