ޖޭއެސްސީ

ހަތަރު ދާއިރާއަކަށް އިސްމެޖިސްޓްރޭޓުން ހަމަޖައްސައިފި

ހަތަރު ދާއިރާއެއްގެ އިސްމެޖިސްޓްރޭޓް ކަަމަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައަޅައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ދާއިރާ އިސްމެޖިސްޓްރޭޓުން ހޯދުމަށް އެ ކޮމިޝަނުން ކުރި އިއުލާނާއި ގުޅިގެން ކުރިމަތިލީ މީހުންގެ ތެރެއިން ހަތަރު ދާއިރާއަކަށް އިސް މެޖިސްޓްރޭޓުންގެ ގޮތުގައި ހަމަޖައްސާނެ މީހުން ކަނޑައަޅާފައިވާ ކަމަށެވެ. އެ ގޮތުން ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށާއި އދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށާއި ގއ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށާއި ގދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ހަމަޖައްސާނެ ބޭފުޅުން ވަނީ ކަނޑައަޅާފައެވެ. އެ ނިންމުން ނިންމީ ޖޭއެސްސީގެ 99 ވަނަ ޖަލްސާގައެވެ.

ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހަމަޖައްސަން ނިންމާފައިވަނީ ހދ. ކުޅުދުއްފުށި، އަލީޝާ އަލީ އާދަމް އެވެ. އދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހަމަޖައްސަން ނިންމާފައިވަނީ ކ. މާލެ، މއ. ވެލަބުލީގެ އިބްރާހިމް މައުމޫރެވެ. ގއ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހަމަޖައްސަން ނިންމާފައިވަނީ ސ.މަރުދޫ، އެށެވެލި، އިބްރާހިމް އިހްސާނެވެ. ގދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހަމަޖައްސަން ނިންމާފައިވަނީ ގދ.ތިނަދޫ، މުނިޔާގެ، މުހައްމަދު ޒާހިރު ހަސަން އެވެ.

ޖޭއެސްްސީން ވަނީ އެ ބޭފުޅުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާގެ މައުލޫމާތުވެސް އާންމުކުރައްވާފައެވެ.