ވިޔަފާރި

ހުޅުމާލޭގައި 15 ޕާކިން ބިލްޑިންއަށް ބަޔަކު ހޯދަނީ

ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި ބިލްޑިންތަކަކީ ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށާއި، ވެހިކަލްތަކަށް ރައްކާތެރިކޮށް ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މިބިލްޑިންތައް ހަދަން ނިންމާފައިވަނީ ކޮމާޝަލް ޔުނިޓްތަކެއްވެސް ހިމެނޭ ގޮތަށެވެ.

އެޗްޑީސީ އިން ބުނީ މި މަޝްރޫއު ބަޔަކަށް ހަވާލުކުރުމުގައި އިސަކަންދޭނީ އީޕީސީ ޕްލަސް އެފް (އިންޖިނޭރިން، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް) މޮޑެލް އަށް ކަމަށެވެ. ނަމަވެސް އީއޯއައިތައް އެހެން މޮޑެލްތަކަށް ހުށަހެޅޭނެ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީ އިން ބުނީ އެއް ފަރާތަށްވުރެ ގިނަ ފަރާތުން މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.

އީއޯއައިތައް އިވެލުއޭޓް ކުރާއިރު ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރަށް އިސްކަންދީފައިވާ މިންވަރު ބެލުމަށް ހަމަޖެހިފައިވެ އެވެ.

މިމަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އީއޯއައި ހުށަހަޅަންޖެހެނީ ކުރިއަށް އޮތް ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިންނެވެ.