ދުނިޔެ

ރައީސް ޕޫޓިން އައިސީސީގެ މެމްބަރު ގައުމެއް ކަމަށްވާ މޮންގޯލިއާއަށް

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގެ މެމްބަރު ގައުމެއް ކަމަށްވާ މޮންގޯލިއާއަށް ވަޑައިގަންނަވަނީ އެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު -- ކްރެމްލިންއިން ބުނާ ގޮތުން ޕޫޓިން މި ދަތުރުކުރައްވާނީ ކުރިއަށް އޮތް ސެޕްޓެމްބަރު ތިންވަނަ ދުވަހު އެވެ.

ޕޫޓިންގެ މި ދަތުރުގައި މޮންގޯލިއާގެ ރައީސްއާ ބައްދަލުކުރައްވާނެ ކަމަށް ކްރެމްލިން އިން ބުންޏެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާނެ ކަމަށްވެސް ރިޔާސީ ގަނޑުވަރުން ބުންޏެވެ.

މިއީ ދެ ގައުމުގެ ގުޅުން ބަދަހިކުރައްވައި ދުނިޔޭގެ މައުލޫތަކަށް މަޝްވަރާ ކުރެއްވުމަށް ޕޫޓިން ކުރައްވާ ދަތުރެއް ކަމަށް ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި އެވެ.

މޮންގޯލިއާ އަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓްގެ މެމްބަރު ގައުމަކަށް ވާތީ އެ ކޯޓުން ނެރޭ އަމުރަށް ތަބާވުމުގެ ގޮތުން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އެ ގައުމުން ހައްޔަރުކޮށްފާނެތޯ ސުވާލު ދެންނެވުމުން ތަރުޖަމާން ވިދާޅުވީ އެކަމުގައި އެއްވެސް ވަރަކަށް ކަންބޮޑުވުމެއް ނެތް ކަމަށެވެ.

މޮންގޯލިއާ އިން ރައީސް ޕޫޓިން ހައްޔަރުކޮށްފާނެ ކަމަށް ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް ތަރުޖަމާންގެ ވާހަކަތައް ހުރި ގޮތުން ދޭހަވަނީ މޮންގޯލިއާއިން އައިސީސީގެ އަމުރަށް ކިޔަމަން ނުވާނެ ކަމެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ހައްޔަރުކުރުމަށް އައިސީސީން އަމުރު ނެރުނީ ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ހިންގަމުން ގެންދާ ޖަރީމާތަކަށް ޕޫޓިން ޒިންމާވެ ވަޑައިގަންނަވަން ޖެހޭނެ ކަމަށް ބުނެ އެވެ.

އައިސީސީގެ މި އަމުރަކީ ހުޅަނގުގެ ޕްރެޝަރަށް ނެރެފައި އޮތް އަމުރެކެވެ. މިއީ އައިސީސީގެ މެމްބަރު ގައުމުތަކުގެ މެދުގައިވެސް ތަފާތު އޮތް އަމުރެކެވެ.

ޕޫޓިން ހައްޔަރުކުރުމަށް އައިސީސީއަށް ހުޅަނގުން ޕްރެޝަރު ކުރާއިރު، ޣާއްޒާގައި 40،2000 އަށް ވުރެ ގިނަ މީހުން މަރާފައި ހުންނެވި އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްހަރުކުރުމަށް ހުޅަގުން އެއްވެސް ވަރަކަށް ގޮވާލާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ހުޅަނގުން ބަލަނީ އިޒުރޭލަށް އަދި ޖަރީމާތައް ހިންގާފައި ތިބި އެ ގައުމުގެ ވެރިންނަށް ހިމާޔަތް ދެވޭތޯ އެވެ.