ބޭރު ކުޅިވަރު

ރަމްސޭ ހަ ހަފުތާ އަށް ކުޅުމާ ދުރަށް

އާސެނަލްގެ މިޑްފީލްޑަރު އާރޮން ރަމްސޭގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާހެދި ހަ ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

މި އަނިޔާގެ ސަބަބުން އޭނާ އަށް ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗާއި އެފްއޭކަޕުގައި ވެސް ނުކުޅެވޭނެ އެވެ. އަދި ވޭލްސްއިން ނޮދަން އަޔަލޭންޑާއި ޔުކްރޭނާއެކު ކުޅޭ އެކުވެރިކަމުގެ ދެ މެޗު ވެސް ގެއްލޭނެ އެވެ.

އުމުރުން މިހާރު 25 އަހަރުގެ ކުޅުންތެރިޔާ އަށް އަނިޔާވީ އިއްޔެރޭ 4-0އިން އެފްއޭކަޕުގައި ހަލް ސިޓީއަތުން މޮޅުވި މެޗުގަ އެވެ.

މި އަނިޔާގެ ސަބަބުން ކޯޗު އާސެން ވެންގާ ބުނީ ޓީމުގެ މުހިންމު ކުޅުންތެރިންނަށް ސީޒަނުގެ ފަހުކޮޅު އަނިޔާވުމަކީ ދެރަކަމެއް ކަމަށާއި ނަމަވެސް ދެން ތިބި ކުޅުންތެރިން ލިބޭ ފުރުސަތުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.

އަދި ރަމްސޭގެ އަނިޔާ އެހާ ސީރިއަސްނޫން ކަމަށާއި ހަތަރު ހަފުތާތެރޭގައި ދަނޑަށް ނުކުމެވޭނެ ކަމަށް އޭނާ އުއްމީދުކުރާ ކަމަށެވެ.