ތުރުކީ

ރާއްޖެ-ތުރުކީގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލައިފި

ތުރުކީއާއި ރާއްޖެއާ ދެމެދު އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ)ގެ އެއްބަސްވުން އެކުލަވާލައިފި އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެފްޓީއޭ އަށް އެއްބަސްވުމުގެ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ މި އެއްބަސްވުން ތުރުކީގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައި ފާސްކުރުމުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެއްބަސްވުމަށް އަމަލުކުރަން ފެށޭ ވަރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ތުރުކީ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ރަސްމީ ދަތުރެއް ފުރަތަމަ ކުރެއްވެވީވެސް ތުރުކީ އަށެވެ. އޭގެފަހުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވީވެސް ފުރަތަމަ ފަހަރަށް ރައީސް މުއިއްޒުގެ ވެރިކަމުގައެވެ.

ތުރުކީއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ދެ ގައުމުގެ ދެމެދުގައި އެންމެ ފުރަތަމަ ކުރިއަށް ދިޔައީ ވެސް ރައީސް މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައެވެ. އޭގެ ފަހުން މިދިޔަ މާޗް މަހުގެ ތެރޭގައިވެސް މިފަދަ މަޝްވަރާއެއް ކުރިއަށް ގެންގޮސްފައިބވެ އެވެ.

ދިވެހި ސަރުކާރުން ކުރިން ހާމަކުރި މައުލޫމާތަށް ބަލާއިރު ސަރުކާރުގެ އަމާޒަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން 214 ބާވަތަކުން ސުން ޕަސެންޓުގައި ތުރުކީ އަށް އެކްސްޕޯޓް ކުރެވޭނެ ގޮތް ހެދުމެވެ. އެކަމަކު މިނިސްޓަރު ސައީދު ރޭ ވިދާޅުވީ މިހާރު މަޝްވަރާ ކުރިއަށް ދަނީ 38 ބާވަތަކުން ޑިއުޓީ އެއްކޮށް ކަނޑާލުމަށް ކަމަށެވެ.

"ދެން ހުރި އައިޓަމްތަކުން ތުރުކީ އިން މިހާރު ނަގާ ޑިއުޓީ އަށް ވުރެ ވަރަށް ބޮޑު ތަން ކުޑަކޮށްދެނީ،" ސައީދު ވިދާޅުވި އެވެ.

ދިވެހިރާއްޖެ އިން ވަނީ ޗައިނާއާ އެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއި ކުރި އެ އެއްބަސްވުމަށް އަދި މިހާތަނަށް އަމަލުކޮށްފައި ނުވި ނަމަވެސް މިސަރުކާރުން މިހާރު ދަނީ އެ އެއްބަސްވުމަށް އަމަލުކުރުމަށް ތައްޔާރުވަމުންނެވެ.