އެމްއެމްއޭ

ޓްރާންސްފާ ހިދުމަތުން މިދިޔަ އަހަރު 557 ބިލިއަން ރުފިޔާގެ މުއާމަލާތް

ޓްރާންސްފާގެ ހިދުމަތް -- އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ ހިދުމަތުން މިދިޔަ 2023 ވަނަ އަހަރު 557.8 ބިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

އެމްއެމްއޭ އިން އާންމުކުރި ޕޭމެންޓްސް ބުލެޓިންގައިވާ ފާހަގަކޮށްފައިވާ ގޮތުން ފައިސާގެ މުއާމަލާތްތައް ކުރުމުގައި ޓްރާންސްފާ ކުރުމަކީ ރާއްޖޭގައި އެންމެ މަގުބޫލު ގޮތެވެ. އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭ "ފަވަރަ" ހިދުމަތް މިދިޔަ އަހަރު ތައާރަފުކޮށްފައިވާއިރު ކުރިއަށް އޮތް އަހަރުތަކުގައި ފައިސާ ޓްރާންސްފާކުރާ މިންވަރު އިތުރުވާނެ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ އެވެ.

ޓްރާންސްފާގެ ހިދުމަތުގެ ތެރެއިން މިދިޔަ އަހަރު 109.6 މިލިއަން މުއާމަލާތްކޮށްފައިވެ އެވެ.

މީގެ ތެރެއިން 97 ޕަސެންޓް މުއާމަލާތަކީ އެއް ބޭންކްގެ އެކައުންޓުން އެ ބޭންކްގެ އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމަށް ކޮށްފައިވާ މުއާމަލާތްތަކެެވެ.

ޓްރާންސްފާ ހިދުމަތުން ފައިސާ ފޮނުވި އަދަދު

  • 2019 - 225 ބިލިއަން ރުފިޔާ
  • 2020 - 235 ބިލިއަން ރުފިޔާ
  • 2021 - 371 ބިލިއަން ރުފިޔާ
  • 2022 - 563 ބިލިއަން ރުފިޔާ

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި އޭޓީއެމް އާއި ޕީއޯއެސް އަދި ބޭންކްގެ ކައުންޓަރުތަކުން މިދިޔަ އަހަރު ޖުމްލަ 34.9 ބިލިއަން ރުފިޔާ ވިތުޑްރޯކޮށްފައި (ނަގާފައިވެ) އެވެ.

އެގޮތުން 95 ޕަސެންޓް ފައިސާ ނަގާފައިވަނީ އޭޓީއެމްތައް މެދުވެރިކޮށް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.