ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރަކުން ޖެހި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކުރި އެކަކު މިނިވަންކުރަން ހައިކޯޓުން އަމުރުކޮށްފި އެވެ.
މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ނޫރަންމާގެއާގެ އިކްރާމުއްރަހްމާން އާއި، މ. ލޭންޑް އޮފް ގާޑަން އިބްރާހީމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ، އާޒާދުގޭ، ޖިނާހް އިސްމާއީލް އެވެ.
މީގެ ތެރެއިން އިކްރާމުއްރަހްމާން އަދި އިބްރާހީމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ޖިނާހް އިސްމާއީލް ބަންދު ކުރީ 15 ދުވަހަށެވެ.
ހައިކޯޓުން މިނިވަން ކުރަން އެންގީ މ. ލޭންޑް އޮފް ގާޑަން އިބްރާހީމް އިކްރާމް އެވެ.
ހައިކޯޓުން މިއަދު އެ މީހާ މިނިވަން ކުރީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކުރީ އެކަން ކުރަން އޮންނަ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބަލާފަ އެވެ.
ހައިކޯޓުން އޭނާ މިނިވަންކުރަން އަމުރު ކުރީ ފަނޑިޔާރު މުހައްމަދު ފައިސަލް، ހަސަން ޝަފީއު އަދި އަބްދުލް މާނިއު ހުސައިން ތިއްބެވި ބެންޗަކުންނެވެ.
މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހި ވިނަރެސް ފްލެޓްތައް ކައިރީގަ އެވެ. މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެ ވަގުތު އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ ކާރުން ޖެހުމުން، ސައިކަލުގައި އިން މީހާ ވިއްސައިގެންދާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.
މި އެކްސިޑެންޓްގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އިކްރާމުއްރަހުމާން އަކީ 2015 ވަނަ އަހަރުގެ ފަހުކޮޅު މަސްތުވާތަކެތީގެ މައްސަލައެއްގައި 16 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ މީހެކެވެ. އެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުވެސް ކުރި އެވެ. އެހެންނަމަވެސް ހައިކޯޓުންވެސް ވަނީ 16 އަހަރުގެ ޖަލު ހުކުމް ދަމަހައްޓާފަ އެވެ.