މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ތްރީޖީގެ ހިދުމަތް ދިނުމަށް ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގުން އަމާޒު ހިފައިފި އެވެ.
އެ ކުންފުނީގެ މައި އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސީއީ އިސްމާއިލް ރަޝީދު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ތްރީޖީގެ ހިދުމަތް ދޫކޮށް ނިންމާލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިހާރު ކުރެވެމުންދާ އެންމެ ބޮޑު މަސައްކަތަކީ ތްރީޖީގެ ހިދުމަތް ފުޅާކުރުން. އާބާދީގެ 100 ޕަސެންޓަށް މި ހިދުމަތް ފުޅާކުރުން،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ބްރޯޑް ބޭންޑް ހިދުމަތް ފުޅާކުރުމުގެ ގޮތުން 2012 ވަނަ އަހަރު ސަބްމެރިން ކޭބަލެއް މުޅިރާއްޖޭގެ އެއްކޮޅު އަނެއް ކޮޅަށް އެޅިފައިވާ ކަމަށެވެ.
"ކޭބަލް ޕްރޮޖެކްޓާ ގުޅިގެން ތްރީޖީގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތް މި ކުރަނީ. ވަރަށް ގިނަ ރަށްރަށުން ގުޅާފައި ބުނޭ ތްރީޖީގެ ހިދުމަތް ލިބޭނީ ކޮން އިރަކުން ހޭ؟ މިއީ ވަރަށް މުހިންމު ހިދުމަތެއް،" އޭނާ ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު 186 ރަށަކަށް ތްރީޖީގެ ހިދުމަތް ދެވިފައިވާ ކަމަށެވެ.
"މިދިޔަ އަހަރު ވެސް މި ޕްރޮޖެކްޓް ހިންގުމަށް 10 މިލިއަން ޑޮލަރު ވަނީ ހަރަދު ކުރެވިފައި. މި އަހަރު ވެސް ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ވަރު ގާތްގަނޑަކަށް ހަރަދު ކުރާނަން،" އިސްމާއިލް ވިދާޅުވި އެވެ
އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ވަހީދު ވިދާޅުވީ މިދިޔަ އަހަރުގެ މެދެންހާ ހިސާބުން ފެށިގެން ދިރާގު މޮބައިލް ނެޓްވޯކުގެ ބޮޑު ބައެއް ބަދަލުކޮށްފައިވާ ކަމަށެވެ.
"މިދިޔަ އަހަރު ނެޓްވޯކް ސްޕީޑްތަކާ އެއްޗިހި ވަނީ މައްޗަށް ޖައްސާފަ،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަބްމެރިން ކޭބަލްގެ ސަބަބުން ހިދުމަތުގެ ފެންވަރު ރަނގަޅު ވެގެން ގޮސްފައިވާ ކަމަށެވެ.
"ކުރިން ހިދުމަތް ދޭން މި ބޭނުން ކުރަނީ މައިކްރޯ ވޭވް. މައިކްރޯވޭވްގައި އޭގެ ޒާތުގައި ލިމިޓޭޝަން ތަކެއް ހުރޭ. އެހެންވެ ކުރި މަގަށް ވެސް ބަލާފައި ސަބްމެރިން ކޭބަލް އެޅީ. ސަބްމެރިން ކޭބަލް އަޅުގަނޑުމެން އެޅީ ބެކް ބޯނެއްގެ ގޮތުގައި. މިހާރު މިދޭ އިންޓަނެޓުގެ ހިދުމަތް މި ދެނީ މި ސަމްބެރިން ކޭބަލް ބޭނުންކޮށްގެން،" އިސްމާއިލް ވިދާޅުވި އެވެ.