އެޗްޑީސީ

އެޗްޑީސީގެ ހިއްސާ ވިއްކުމަށް ތައްޔާރުވަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިއްސާ އާންމުންނަށް ވިއްކުމަށް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ކެބިނެޓްގެ މިއަދުގެ ބައްދަލުވުމަށްފަހު ވަޒީރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ.

ހައިދަރު ވިދާޅުވީ އެޗްޑީސީގެ ހިއްސާ އާންމުންނަށް ވިއްކުމަށް ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ އެކި މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް ހިއްސާ ވިއްކަން ފަށާނެ ވަކި ދުވަހެއް ސަރުކާރުން އަދި ނިންމާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

އެޗްޑީސީ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރައީސްގެ ގަރާރަކުން 2001 ވަނަ އަހަރު އުފެއްދި ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުންޏެކެވެ.

ސަރުކާރުން މިއަދު ވަނީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ހަމަޖައްސާފައިވާ ކަމަށްވެސް އިއުލާންކޮށްފަ އެވެ.

އެޗްޑީސީގެ ހިއްސާ ވިއްކުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރު ހައިދަރު މިއަދު ވިދާޅުވި ނަމަވެސް އެޗްޑީސީގެ ހިއްސާ ވިއްކަން ސަރުކާރުން ބޭނުންވާ ވަކި ބޭނުމެއް ވިދާޅުވެފައެއް ނުވެ އެވެ.

އެޗްޑީސީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެސެޓްގެ ގޮތުން މިވަގުތު އެންމެ މުއްސަނދި އެއް ކުންފުންޏެވެ.