މޯލްޑިވްސް އިމިގްރޭޝަން

ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރު ކުރާ ތަނަކުން ދެ ބިދޭސީން އަތުލައިގެންފި

ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ތަނަކުން ގަވައިދާ ހިލާފަށް އުޅެމުންދިޔަ ދެ ބިދޭސީން އަތުލައިގެންފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި ދެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ތަކެތި، ވިޔަފާރިއަށް ތައްޔާރު ކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އިއްޔެގެ އޮޕަރޭޝަންގައި ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ދެވަނަ ތަނުގައި ޑެލިވެރީއަށް ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔަ ކަމަށާއި އަދި ކަމާގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއެކު މިތަނުގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާ ކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ގެންދަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ.

އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ މީހުންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން ވަނީ ރާއްޖެއިން ފޮނުވާލާފަ އެވެ.