ގައުމީ ދުވަސް

ގައުމީ ދުވަހުގެ ދިދަނެގުމުގެ ހާއްސަ ރަސްމިއްޔާތު ބާއްވައިފި

ގައުމީ ދުވަހުގެ ދިދަނެގުމުގެ ހާއްސަ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތު ޝަރަފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދުގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދިދަނެގުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން، އެ މައިދާނުން އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ މިނިސްޓާ އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫނާއި މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމް އެވެ.

ގައުމީ ދުވަހުގެ ދިދަނެގުމުގެ މި ހާއްސަ ރަސްމިއްޔާތުގައި، ގައުމީ ދިދަ ނެގުމުގެ އިތުރުން، ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކުރުންވެސް އޮތެވެ. މި ރަސްމިއްޔާތު ނިންމަވާލައްވާފައި ވަނީ ގައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީގައި ގައުމީ ސަލާމް ކުޅުމާއެކުގައެވެ.

ދިވެހިރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހު އެވެ.