ގައުމީ ދުވަސް

ޝަރަފްވެރިކަމުގެ އެވޯޑް 7 ބޭފުޅަކަށް ލިބިވަޑައިގެންފި

ޝަރަފުވެރިކަމުގެ ގައުމީ އެވޯޑް ހަތް ބޭފުޅަކަށް މިއަހަރު ލިބިވަޑައިގެންފި އެވެ.

ދަރުބާރުގޭގައި މިއަދު ކުރިއަށް ގެންދިޔަ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅުންނަށް އެވޯޑް އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ.

ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށް މިއަހަރު ލިބިވަޑައިގެންނެވިއިރު މީގެތެރެއިން އެއް ބޭފުޅަކަށް މި އެވޯޑް އެރުއްވީ އެ ބޭފުޅާގެ ހަނދާނަށެވެ. އެއީ ހ. ހާޖަރާގެ، މުހައްމަދު ތައުފީގު އެވެ.

ޝަރަފުވެރިކަމުގެ އެވޯޑް ލިބިވަޑައިގެން ބޭފުޅުން

  • ހ. ހާޖަރާގެ، އަލްމަހްރޫމް މުހައްމަދު ތައުފީގު - ދެމިހުންނެވި ހާއްސަ ހިދުމަތެއްކުރުމުގެ ދާއިރާ
  • ވ. އަކީލާ، އަބްދުލްއަޒީޒް ޔޫސުފް - ސިއްހީ ދާއިރާ
  • ހުޅުމާލެ ފްލެޓް 02-3-7، މުހައްމަދު މާޖިދު - ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ
  • މ. ހުސްނޫ، އަލްފާޟިލް މޫސާ ލަތީފް - ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ
  • މ. މެޓްރޯވިލާ، އަލްފާޟިލް މުހައްމަދު ނާސިރު - ކުޅިވަރުގެ ދާއިރާ
  • ވ. ރޭދުވާ، އަހްމަދު މުހައްމަދު - ކުޅިވަރަށް ހިދުމަތްކުރުމުގެ ދާއިރާ
  • ވ. ކަންދު، ހަސަން މަނިކު (ރޯނުގޭ ހަސަން މަނިކު) - ޕާފޯމިން އާޓްސްގެ ދާއިރާ

ދެމިހުންނެވި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާއިން އެވޯޑް ލިބިވަޑައިގެންނެވި މުހައްމަދު ތައުފީގުގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ ތައުފީގުގެ ބޭފުޅުންނާއި އެންމެ ފަހުގެ އަނބިކަނބަލުންނެވެ.

މުހައްމަދު ތައުފީގަކީ އެ ބޭފުޅެއްގެ އަޑުފުޅުން ޒަމާންތަކަކަށް ދެމިހުންނާނެ ފަދަ ގޮތަކަށް ރާއްޖޭގެ ރައްޔިތުންނަށް ވަރަށް އަގުހުރި ހަދިޔާއެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މުހައްމަދު ތައުފީގުގެ ހަނދާނަށް މި ޝަރަފް އަރުވާފައިވަނީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސިޔަރަތު ދިވެހިންނަށް ގެނެސްދެއްވާފައިވާލެއް ފުރިހަމަކަމާއި، ސިޔަރަތު އަޑުއެހުމަށް ދިވެހިންގެ ހިތްތަކުގައި އޮންނަ ޝައުގުވެރިކަން އިތުރުކުރެއްވުމަށް މުހައްމަދު ތައުފީގު ކުރެއްވި ގައުމީ ހިދުމަތަށްޓަކައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.