ހަބަރު

އއ. އަދި އދ. އަތޮޅުގެ ރަށްތަކުގެ އިންޖީނުގޭގައި ފަޔާ ސޭފްޓީ އިންސްޕެކްޓް ކުރަނީ

އއ. އަދި އދ. އަތޮޅުގެ ރަށްތަކުގެ އިންޖީނުގޭގެ ފަޔާ ސޭފްޓީ އިންސްޕެކްޓް ކުރުމުށް މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ސްޓެލްކޯ އާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ގުޅިގެން ހިންގޭ މި ޕްރޮގްރާމްގައި އއ. އަދި އދ. އަތޮޅުގައި ހުރި ސްޓެލްކޯ ޕަވާ ހައުސްތަކުގެ ފަޔާ ސޭފްޓީ އިންސްޕެކްޓް ކުރުމާއި ޕަވާ ހައުސްތަކުގައި މަސައްކަތްކުރާ ސްޓާފުންނަށް ފަޔާ އެވެއާނަސް ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ފަސް ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދެވޭ މި ޕްރޮގްރާމްގައި ކޮންމެ ދުވަހަކު ތިން ރަށުގައި މި ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވެއެވެ.

އެމްއެންޑީއެފް އިން ބުނީ މިހާތަނަށް އއ. ތޮއްޑޫއާއި ރަސްދޫ އަދި އުކުޅަހުގައި މި ޕްރަޮގްރާމް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މިއަދު އެއަތޮޅު ބޮޑުފުޅަދޫގައާއި މަތިވެރި އަދި ފެރިދޫގައި މި ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. މީގެ އިތުރުން އއ. މާޅޮސްއާއި ހިމަންދޫ އަދި އދ. ހަންޏާމީދޫ، އޮމަދޫ، މަހިބަދޫއާއި ކުނބުރުދޫ، ދިގުރަށް، ދިއްދޫ އަދި އދ. ފެންފުށީގައި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.