މޯލްޑިވިއަން އައިޑޮލް

ފިލްމީ ހުށަހެޅުމަކަށްފަހު، ވަކިވާ އަސަރާ މަންޒަރު!

  • މިރޭގެ ޝޯގައި އެއް ބައިވެރިޔަކު ކަޓާނެ
  • ދިވެހި ސިނަމާގެ ލަވަތަކެއް މިރޭ ހުށަހަޅައިދޭނެ
  • އަންނަ ހަފުތާ އޮތީ އަމިއްލަ ރާގުގެ ލަވަތައް

މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑްގެ ތިންވަނަ ޝޯގައި ހުށަހަޅާދީފައިވަނީ ފިލްމީ ލަވަތަކެކެވެ. މި ހަފުތާއަށް ކަނޑައެޅިފައިވާ ތީމަކީ "މޫވީ ނައިޓް" އެވެ. ރޭ ހުށަހަޅައިދިން ލަވަތަކަށް ޖަޖުން ވެސް އަދި ބެލުންތެރިން ވެސް ދީފައިވަނީ ޕޮޒިޓިވް ކޮމެންޓްތަކެކެވެ. ސުވާލަކީ މިރޭގެ ޝޯގައި ވަނީ ކިހިނެއްބާ އެވެ؟

މިރޭ އޮތީ ގާލާ ރައުންޑްގެ ތިންވަނަ ޝޯގެ އެލިމިނޭޝަނެވެ. ގަދަ ދިހަ ބައިވެރިންގެ ތެރެއިން އެއް ބައިވެރިޔަކު ކަޓާ އަދަދު ނުވައަކަށް ވެއްޓިގެންދާނެ އެވެ. ޕީއެސްއެމްއިން މައުލޫމާތު ދިން ގޮތުގައި މިރޭ ޑުއެޓް އަދި ތިން ބައިވެރިން އެކުގައި ހުށަހެޅުންތައް ހުށަހަޅައިދޭނެ އެވެ. މިރޭ ވެސް ހުށަހަޅައިދޭނީ ދިވެހި ސިނަމާއިން ފާހަގަކުރެވުނު ލަވަތަކެވެ.

ރޭގައި ހުށަހަޅައިދިން ލަވަތަކަށް ބަލާފައި މިރޭ ކަޓާނީ ކޮން ބައިވެރިއެއްކަމާ މެދު އަންދާޒާކޮށްލަން އުނދަގުލެވެ. މިހާރު ތިބި 10 ބައިވެރިންނަކީ އެކަކަށް ދޫނުކުރާވަރުގެ ބައިވެރިންނެވެ. މަޑުމައިތިރި ލަވަތަކުން ބެލލުންތެރިންގެ ހިތްތައް ހުރިހާ ބައިވެރިން ވެސް ވަނީ ކަތިލާފަ އެވެ.

ރޭގެ އެޕިސޯޑަށް ބަލާލާއިރު އެންމެ ފުރަތަމަ ލަވަ ހުށަހަޅައިދިނީ، ޝަލަބީ އިބްރާހިމް އެވެ. ހުށަހަޅައިދިނީ "މީ ނާނާ" އެވެ. އިބްރާހިމް އަމާން ހުށަހަޅައިދިނީ ވަރަށް ފަހުން ސްކްރީންތަކުން ފެނުނު "އެންމެ ފަހުނ ވިންދާ ޖެހެންދެން" ފިލްމްގެ ހިޓްވި ލަވަ "ރޯލީމާ" އެވެ. އެއަށްފަހު މޯލްޑިވިއަން އައިޑޮލްގެ އެންމެ އެހީތެރި އަބްދުﷲ ސޯދިގު ވަނީ "ހުވާ ކޮށްފާ ބުނަން" މި ލަަވަ ހުށަހަޅައިދީފަ އެވެ.

އެއަށްފަހު ރޮކްސްޓާ މުހައްމަދު މުއައްޒިން ވަނީ "ނޭނގޭ ގޮތެއްވޭ" އާއެކު ފުރިހަމަ ލަވައެއް ހުށަހަޅައިދީފަ އެވެ. އަމިއްލަ ސްޓައިލަށް ލަވައަކަށް ބަދަލުކޮށްލާ އަބްދުﷲ ފާލިހް ހުށަހަޅައިދިނީ "އާދޭ މިއަދު ދާން" މި ލަވަ އެވެ. ނިއުމާގެ އަސަރުގަދަ ތީމް ލަވައާއެކު ޝޯ އިތުރަށް ފުރިހަމަ ކޮށްދިނީ ފާތިމަތު އަޒްލީމާ އެވެ.

މުހައްމަދު އިޝާން ހުށަހަޅައިދިނީ ގިނަ ބަޔަކަށް ރީތި ލަވައެއް ކަމަށްވާ "މުޅި ޖާން ހިތާ" އެވެ. އެއަށްފަހު އަހުމަދު ނަޒީހް ހުށަހަޅައިދިނީ "ދެރިޔާ" އެންމެ އަސަރުގަދަ އެއް ލަވަ ކަމަށްވާ "މަގެ ލޯބި ދަރިފުޅާ" އެވެ. ތަފާތު ހިތްގައިމު ލަވަތަކެއް ކޮންމެ ހަފުތާއަކު ވެސް ހުށަހަޅައިދެމުން އަންނަ މުހައްމަދު ޒަލީފް ހުށަހަޅައިދިނީ "ފީނާށެ ޖެހުނީ" މި ލަވަ އެވެ. ރޭގެ އެޕިސޯޑް ނިންމާލީ، ހުނަރުވެރި ލައިޝާ ޖުނައިދުގެ ލަވައިންނެވެ. ލައިޝާ ހުށަހަޅައިދިނީ "އޯގާވެރިވޭ ލޯބިވާ" އެވެ.

ޝޯގައި މިހާރު ތިބި 10 ބައިވެރިން:

  • ލައިޝާ ޖުނައިދު
  • މުހައްމަދު މުއައްޒިން
  • އަބްދުﷲ ފާލިހް
  • އިބްރާހިމް އަމާން
  • އަހުމަދު ނަޒީހް
  • އަބްދުﷲ ސޯދިގު
  • ޝަލަބީ އިބްރާހިމް
  • މުހައްމަދު އިޝާން
  • މުހައްމަދު ޒަލީފް
  • ފާތިމަތު އަޒްލީމާ

ގަދަ ނުވައަކަށް ނުގޮސް ކަޓަނީ ކޮންމެ ބައިވެރިއެއްތޯ ބެލުމަށާއި ގަދަ 10ގެ ރީތި ލަވަތަކެއް ބަލާލުމަށް މިރޭ 10:30 ގައި ޓީވީއެމްއަށް ޓިއުނުކޮށްލާށެވެ. ވަކިވާ އަސަރާ މަންޒަރު މިރޭގެ އެޕިސޯޑުން ފެންނާނެ އެވެ.