އުތީމު ޔުނިޓީ ކަޕުގައި މިއަދު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު އަތުން 2-1އިން އެ ރަށު ކައުންސިލް ބަލިވި ނަމަވެސް ސެމީ އަށް ދިއުމުގެ އަމިއްލަ ބާރު ކައުންސިލަށް ލިބިއްޖެ އެވެ.
މުބާރާތުގެ ގްރޫޕް އޭގައި ބާކީ އެއް މެޗު އޮތްއިރު ފެނަކަ ކޯޕަރޭޝަނާ ދެކޮޅަށް މާދަމާނޫން އަނެއް ދުވަހު ކުޅޭ އެ މެޗު ކާމިޔާބުކޮށްފިނަމަ ކައުންސިލަށް ސެމީ ފައިނަލަށް ދެވިދާނެ އެވެ.
ސަބަބަކީ މިވަގުތު ޕޮއިންޓެއް ލިބިފައިނުވި ނަމަވެސް ގޯލުގެ ތަފާތުން ހަނދާނީ މަރުކަޒަށްވުރެ ކުރި ލިބިފައިވުމެވެ. ތިން ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނާގައިވަނީ ފެނަކަ އެވެ. ތިން ޕޮއިންޓާއެކު ދެ ވަނާގައި ހަނދާނީ މަރުކަޒު އޮތްއިރު ޓޭބަލުގެ ފުލުގައި ކައުންސިލް އޮތީ ޕޮއިންޓެއް ނުލިބި އެވެ.
އެކަމަކު ގޯލުގެ ފަރަގަށް ބަލާއިރު ފެނަކަށް ފައިދާ ހަތަރު ގޯލު ލިބިފައިވާއިރު ހަނދާނީ މަރުކަޒަކަށް ލިބިފައިވަނީ ގެއްލުން ތިން ގޯލެވެ. ކައުންސިލަށް ގެއްލުން އެއްގޯލެވެ. މިހެންވެ ފެނަކަ އަތުން ކިރިޔަކިރިޔާ މޮޅުވިޔަސް ޕޮއިންޓްގެ ގޮތުން ތިން ޓީމު އެއްވަރުވެ، ގޯލުގެ ތަފާތުން ކައުންސިލަށް ދެ ވަނަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މިއާ ހިލާފަށް ބާކީ މެޗެއް ނެތުމުން ކުޅިބަލަން ތިބެންޖެހިފައިވާ ހަނދާނީ މަރުކަޒަށް ސެމީ ކަށަވަރުވާނީ ފަހު މެޗުގައި ކައުންސިލް ބަލިވެ، ނުވަތަ މެޗު އެއްވަރުވެގެންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ގޯލު ޖެހީ ކައުންސިލްގެ ރިޝްވާން ރަޝީދެވެ. ނަމަވެސް ފަހަތުން އަރައި ހަނދާނީ މަރުކަޒު މޮޅުކޮށްދިނީ އަހުމަދު އުސާމްގެ ދެ ގޯލުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހަނދާނީ މަރުކަޒުގެ އަހުމަދު މަސީހެވެ.
އެސްޓީއޯއިން މެއިން ސްޕޮންސާކޮށް، ތިލަފުށި ކޯޕަރޭޝަނާއި ރަވިންސް އަދި ރެޑްވޭވާއި މިފްކޯގެ އިތުރުން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމާއި މެމްބަރު އިބްރާހީމް ޝުޖާއުގެ ސްޕޮންސާޝިޕްގެ ދަށުން ކުޅޭ މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ގާޒީ ބަންޑާރައިންގެ ސްކޫލާއި ސިއްހީ މަރުކަޒެވެ. މި މެޗުން ބަލިވެއްޖެނަމަ ސިއްހީ މަރުކަޒު މުބާރާތުން ކަޓާނެ އެވެ.