ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ކްރޫޒް ލައިނާ ޓާމިނަލް އަޅަން ދެމަސް ދުވަސްތެރޭ ބަޔަކާއި ހަވާލުކުރާނެ ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ސީއީއޯ މުހައްމަދު ސައިމަން ވިދާޅުވެއްޖެ އެވެ. ހުޅުމާލެ ކްރޫޒް ލައިނާ ޓާމިނަލް އަކީ ޔޮޓް މެރީނާއެއް ހިމެނޭ ގޮތަށް ހަދާ ތަނެކެވެ.
ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަިއ ސައިމަން ވިދާޅުވީ ދެމަސް ދުވަސްތެރޭ ބަޔަކާއި ހަވާލުކޮށްގެން ހަދަންފަށާ މި ކްރޫޒްލައިނާގެ މަސައްކަތް ދެއަހަރު ތެރޭގައި ނިންމާނެ ކަމަށެވެ. އަދި އެ ޕަސެންޖާލައިން އަށް އަންނަ އުޅަނދުފަހަރަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ބިމުގެ ގޮތުން އަދި ކަނޑުން ބޮޑު ސަރަހައްދެއް ބޭނުންވާނެތީ އެސަރަހައްދު ހާއްސަ އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ކަމަށެވެ.
ސައިމަން ވިދާޅުވީ މި ކްރޫޒްލައިނާގެ މަސައްކަތް ނިމުމުން އެތަނުން 300 ސުޕަރ ޔޮޓަށާއި، އަދި ހަ ހާހާއި، ހަތް ހާހާ ދެމެދުގެ ޕަސެންޖަރުން އުފުލާ ބޮޑެތި ޕަސެންޖަރލައިންތަކަށް ޚިދުމަތް ދެވޭނެ ކަމަށެވެ.
އަވަސް އަށް ކުރިން ދިން އިންޓަވިއުއެއްގައި ސައިމަން ވަނީ ހުޅުމާލޭގައި ކްރޫޒްލައިނާ ޓާމިނަލެއް އެޅުން ހިމަނައި ކްރޫޒް ލައިނާ ޓާމިނަލް ރާއްޖޭގައި އަޅާނެ ފަރާތެއް ހޯދަން ދުނިޔެއަށް ހުޅުވާލި ފުރުސަތުގައި ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.
ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ހުޅުމާލޭގައި ގާއިމްކުރަން 300 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.
މި ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލް އިން ބައިނަލްއަޤުވާމީ ފެންވަރުގައިވެސް މިފަދަ ޚިދުމަތްތައް ދޭ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތައް ހިދުމަތްދޭނެ ކަމުގެ ޔަގީންކަން ސައިމަން ދެއްވި އެވެ.
ޖިއޮގްރަފީގެ ގޮތުން ބަލާއިރު ޔޮޓް މެރީނާ ތަރައްޤީކުރެވިގެންދާ ސަރަޙައްދަކީ އެކަމަށް އެންމެ އެކަށީގެންވާ ސަރަޙައްދުކަމަށާއި ސަރަޙައްދަކީ ދުނިޔޭގެ ނިސްބަތުންވެސް ގިނަ އަދަދެއްގެ ސުޕަރ ޔޮޓްތަކާއި، ބޮޑެތި ޕަސެންޖަރ ލައިންތައް މިހާރުވެސް ދަތުރުކުރާ ސަރަޙައްދެއްކަމަށް ސައިމަން ވިދާޅުވި އެވެ.
ސައިމަން ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒަރެއް ކަމަށާއި ޔޮޓެ މެރީނާ އަދި ކްުރޫޒްލައިނާއެއް އެޅުމުން މިހަރަށްވުރެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ހާއްސަކޮށް ކަނޑުމަގުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސައިމަން ވިދާޅުވި އެވެ.