މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ބަންކަރިން ހިދުމަތަށް ރަނގަޅު މާކެޓެއް ލިބޭނެ: ވަޖީހު

ރާއްޖޭގައި ފެށުމަށް ތައްޔާރުވަމުންދާ ބަންކަރިން ހިދުމަތަށް ރަނގަޅު މާކެޓެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މި ވާހަކަ ވަޖީހު ވިދާޅުވެފައިވަނީ ބަންކަރިން ހިދުމަތް ރާއްޖޭގައި ފެށުމަށް ކުރަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މެރިޓައިމް ސިނާއަތުގެ ތަޖުރިބާކާރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ބަންކަރިން ހިދުމަތަކީ ކާމިޔާބު މަސައްކަތަކަށް ހެދުމުގެ ޔަގީންކަން އޮތް ކަމަށް އެމްޕީއެލްގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.

ވަޖީހު ވިދާޅުވި ގޮތުގައި ރާއްޖެ އޮތް ސަރަޙައްދުގެ ގޮތުން ބަންކަރިން ހިދުމަތް ފުޅާކުރުމަށް ވަރަށް ބޮޑު ފުރުސަތެއް އެބައޮތެވެ. އަދި މިހާރުވެސް ބައެއް ފަރާތްތަކުން މި ހިދުމަތް ހޯދުމަށް އެދެމުންދާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަންކަރިން ހިދުމަތް ކުރިއެރުވުމަށްޓަކައި ބައިނަލްއަގްވާމީ މާކެޓުތަކުގައި ރާއްޖޭގެ ހިދުމަތް ޕްރޮމޯޓްކުރަން ޖެހޭ ކަމަަށެވެ. މިކަމަށްޓަކައި އެސްޓީއޯ އާއި ވިޓޯލްގެ އިތުރުން އެމްޕީއެލްއިންވެސް ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ބަންކަރިން ހިދުމަތް ދިނުމުގައި ކޮލިޓީ ހިފެހެއްޓުމަށާއި، އަވައްޓެރި ގައުމުތަކާ ވާދަވެރި ހެޔޮ އަގުތަކެއްގައި ހިދުމަތް ދިނުމަށް ސަމާލުކަން ދޭނެ. އަދި ރަނގަޅު މާކެޓް ޝެއާއެއް ވަރަށް އަވަހަށް ރާއްޖެއަށް ލިބޭނެ،" އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވި އެވެ.

ބައްދަލުވުމުގައި ބައިވެރިވި ބައެއް ބައިވެރިން ވަނީ ތިމާވެށްޓާ ރައްޓެހި "ގްރީން ބަންކަރިން ހިދުމަތް" ރާއްޖޭގައި ދޭން ފެށޭނެ ދުވަހަކަށްވެސް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.