ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއި އެ ސިނާއަތުގެ އުފެއްދުންތައް ޕްރޮމޯޓްކުރަން ބްރޭންޑެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
މި ބްރޭންޑް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކުރީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް (އެމްއެފްއޯއާރްއެމްޕީސީ) އިންނެވެ.
މި މަސައްކަތުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ސަރުކާރުގެ އޮފިޝަލުންނާއި ސިނާއަތުގެ ތަޖުރިބާކާރުންގެ އިތުރުން ރާއްޖޭގެ މަސްވެރިކަމާއި ގުޅުން އޮންނަ ބޭރުގެ ފަރާތްތަކާ ގުޅިގެން މާކެޓް ދިރާސާއެއް ކުރުން ހިމެނެ އެވެ.
މި ދިރާސާގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖެއާ ވާދަވެރި މާކެޓްތަކާ އަޅާބަލާއިރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން ލިބޭ ފައިދާތައް ދެނެގަތުން ހިމެނެ އެވެ.
ބައިނަލްއަގުވާމީ މަތީ ފަންތީގެ މާކެޓުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ހުރި ގޮންޖެހުންތައް ދެނެގަތުމަކީވެސް މި ދިރާސާގެ މަގުސަދެކެވެ.
މީގެ އިތުރުން ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ހުރި އާ ފުރުސަތުތައް ދެނެގަތުންވެސް ހިމެނެ އެވެ.
ދިރާސާގެ އަލީގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބްރޭންޑް ނަމެއް އުފައްދަން ޖެހެ އެވެ. މީގެ އިތުރުން ބްރޭންޑް ނަމާއި ގުޅޭ އެނިމޭޓެޑް ވީޑިއޯއެއްވެސް ތައްޔާރުކުރަންޖެހެ އެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ޝައުގުވެރިކަން ފާޅުކުރަންޖެހެ އެވެ.
މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް (އެމްއެފްއޯއާރްއެމްޕީސީ) އަކީ ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މި އަހަރުގެ ފެބްރުއަރީ މަހު ރައީސް ނެރުއްވި ގަރާރަކުން އުފެއްދެވި ކުންފުންޏެކެވެ.
މި ކުންފުނި އުފެއްދެވުމުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމައަށް އެ ސިނާއަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއާކަލްޗަ އާއި މެރިކަލްޗަ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެ އެވެ. އަދި އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް، ގައުމީ ބާޒާރާއި ބައިނަލްއަގްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުންވެސް ހިމެނެ އެވެ.