މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ލައިޓެއް ތަޅާލި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ

ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަންގެ ހުޅަނގު ފަރާތު ދޮރުގެ ލައިޓް ތަޅާލައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކ. މާލެ، ހ. ހެމަވަތި، ޒައިދާން މުހައްމަދު ޒާހިރެވެ.

ފުލުހުންގެ ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ރޭ 4:05 ހާއިރު ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ރަބަރު ޕެކެޓެއް އޭނާ ލައިގެން ހުރި ޖިންސުން ފެނިފައިވާ ކަމަށެވެ.

ޒައިދާނަކީ ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން އޭނާގެ ސައިކަލު ޓޯކުރި މީހެއްކަން ފާހަގަކޮށް ފުލުހުން ބުނީ އޭނާ ޕޮލިސް ސްޓޭޝަނަށް ހާޒިރުވީ އޭނާގެ ސައިކަލާ ހަވާލުވުމަށް ކަމަށެވެ.

ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލައާ މަސްތުވާތަކެތި ގެންގުޅުނު މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.