ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމާ ގުޅިގެން ކުރީގެ އިސް ދެ ފަނޑިޔާރަކު އެ މަގާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވެއްޖެ އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި ޕީޖީގެ މަގާމަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލިމެންޓްރީ އެފެއާޒްގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ ކުށުގެ ރެކޯޑް ސާފުކޮށްފަ އެވެ.
އައްބާސްއަކީ ކުރިން ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ހައިލަމް ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ވަޑައިގަތުމުގެ ކުރިން ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާފަ އެވެ.
މި ދެ ބޭފުޅުންގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ އާދަމް ޝަމީމުވެސް ކުށުގެ ރެކޯޑް ސާފުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން ޝަމީމް އިސްތިއުފާ ދެއްވާފައި ވަނިކޮށް ޝަމީމް އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޮގަސްޓް 22 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާ ގައެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލާފައިވާއިރު ބުދަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ ތައްޔާރުވަމުންނެވެ.