ރައީސް އޮފީސް

ޝިއުނާ އާއި މަލްޝާ އިސްތިއުފާ ދެއްވައިފި

ސަސްޕެންޑްކޮށްފައި ތިއްބެވި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާއާއި މަލްޝާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މި ދެ ބޭފުޅުން މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ޝިއުނާ ވަނީ އަވަސްއަށް ޔަގީންކޮށްދެއްވާފަ އެވެ.

ޝިއުނާ ވިދާޅުވީ އަމިއްލަ ސަބަބުތަކެއް ހުރުމުން ސަރުކާރުގެ ވަޒީފާއިން އިސްތިއުފާ ދެއްވީ ކަމަށެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ވަޒީފާ އިން އިސްތިއުފާ ދެއްވި ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އޭނާ ބައިވެރިވާނެ ކަމަށެވެ.

"އަޅުގަނޑު ފެންނާނެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސިުާސީ ކަންކަމުގައި،" ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާއާއި މަލްޝާއަށް މުސާރަ ލިބޭ ގޮތަށް ސަސްޕެންޑް ކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ކުރެއްވި ޓްވީޓަކަށްފަހު ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އިން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރެވުނު ޝިއުނާއާއި މަލްޝާ ސަސްޕެންޑް ކުރީ މިއަހަރުގެ ޖެނުއަރީ ހަތްވަނަ ދުވަހު އެވެ.