ނޯވޭއިން އޮސްޓްރިއާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ނޯވޭގެ އާސެނަލް ކުޅުންތެރިޔާ މާޓިން އޯޑެގާޑަށް އަނިޔާވެއްޖެ އެވެ. އަނިޔާވުމުން ރޭގެ މެޗުން އޭނާ ފައިބައިގެން ދިޔައީ ރޮމުންރޮމުންނެެވެ.
ނޭޝަންސް ލީގުގެ މި މެޗުގެ ދެވަނަ ހާފުގައި އުމުރުން 25 އަހަރުގެ މާޓިންގެ ތަނބިކަށްޓަށް އަނިޔާވުމާ ގުޅިގެން 67 ވަނަ މިނެޓުގައި ދަނޑުން ބާލަން ޖެހުނެވެ.
އަނިޔާގެ ސަބަބުން އާދިއްތަ ދުވަހު ޓޮޓެންހެމް ހޮޓްސްޕަ ސްޓޭޑިއަމްގައި ކުޅޭ ނޯތު ލަންޑަން ޑާބީގައި އޯޑެގާޑް ކުޅޭނެކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އާސެނަލްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ވެސް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅޭނެ އެވެ.
ނޯވޭގެ ކޯޗު ސްޓޯލޭ ސޮލްބަކެން ވިދާޅުވި ގޮތުގައި މާޓިންއަށް ލިބުނު އަނިޔާ ފެންނަ ފެނުމަށް ގޯހެވެ.
އޯޑެގާޑް ދަނޑުން ނެރުނުއިރު ސްކޯ އޮތީ 1-1 އިން ހަމަހަމަ ވެފަ އެވެ. ނަމަވެސް މެޗު ނިމުމުގެ 10 މިނެޓް ކުރިން މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ އާލިން ހާލަންޑް ވަނީ ނޯވޭއަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ.
މި ލަނޑާއެކު ނޯވޭގެ ރެކޯޑު ހޯލްޑަރު ޔޯގެން ޔުވެގެ 33 ލަނޑާ ހަމައަށް ވާސިލްވުމަށް ހާލަންޑްއަށް ބާކީ އޮތީ ދެ ލަނޑެވެ.
ޓޭބަލް މިހާރު އޮތް ގޮތުން ނޯވޭއާއި ސްލޮވީނިއާ ވަނީ ގްރޫޕް ބީގައި ޕޮއިންޓް ހަމަހަމަވެފަ އެވެ. ސްލޮވީނިއާއިން ވަނީ ކަޒަކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން ކާމިޔާބު ކޮށްފަ އެވެ. މި މެޗުގައި ބެންޖަމިން ސެސްކޯ ވަނީ ހެޓްރިކެއް ހަދާފަ އެވެ.