މާލޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ފައިނަލަށް ރާއްޖެއާއި ކިރްގިސްތާން ދަތުރުކޮށްފި އެވެ.
ރާއްޖެއިން ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލްގައި ތަޖިކިސްތާން 3 ސެޓު، 1 ސެޓުން ބަލިކޮށްގެންނެވެ. އަނެއް ސެމީ ފައިނަލްގައި ކިރްގިސްތާނުން ވަނީ އަފްޣާނިސްތާން ސީދާ 3 ސެޓުން ބަލިކޮށްފަ އެވެ.
މިރޭ ކުޅޭ ފައިނަލް މެޗުގައި ރާއްޖެ އާއި ކިރްގިސްތާން ވާދަކުރާއިރު ލީގު ބުރުގައި ރާއްޖެ ވަނީ ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެފަ އެވެ. އެކަމަކު އެ މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ނޭޕާލްގައި ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލުގައިވެސް ރާއްޖެއިން ވަނީ ވާދަކޮށްފަ އެވެ. އެކަމަކު އެ ފަހަރުގެ ފައިނަލުން ރާއްޖެ ވަނީ ބަލިވެފަ އެވެ.
މި މުބާރާތުގެ ތިންވަނަ ހޮވުމަށް ބާއްވާ މެޗު މިއަދު ހަވީރު އޮންނާނެ އެވެ. މި މެޗުގައި ވާދަކުރާނީ ސެމީ ފައިނަލްގައި ބަލިވި ދެޓީމު ކަމަށްވާ ތަޖިކިސްތާނާއި އަފްޣާނިސްތާން އެވެ.