ކުޅިވަރު

ނިއު ގޮތެއް ނުނިންމަނީސް އަމީރީ ޓީމު ދޫކޮށްލައިފި

މި ސީޒަންގައި ނިއު ރޭޑިއަންޓަށް ގެނައި އަފްގާނީސްތާންގެ ޑިފެންޑަރު ޒޯހިބް އިސްލާމް ހާރޫން އަމީރީ، ޓީމާ މެދު ހިތްހަމަ ނުޖެހި ޓީމު ދޫކޮށްލުމަށް ފަހު ފުރައިފި އެވެ.

އަމީރީ ނިއު އާ މެދު ހިތްހަމަ ނުޖެހިގެން އުޅޭކަމުގެ އަޑުތައް ފެތުރޭތާ ދުވަސް ކޮޅެއް ވެއްޖެ އެވެ. އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބުނީ އަމީރީއާ މެދު ވާހަކަ ދައްކާނީ ކުލަބުގެ މެނޭޖްމެންޓުން ކަމަށެވެ.

ނިއުގެ ޖެނަރަލް ސެކެޓްރީ އަހަމްދު ނިޔާޒު މޫސާ ވިދާޅުވެފައި ވަނީ، ކޮންޓްރެކްޓްގައި ނުހިމެނޭ ކަންތައްތަކެއް އަމީރީގެ ފަރާތުން ޑިމާންޑް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަމީރީއާ މެދު ވަކި ގޮތަކަށް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީމުން ވަކި ގޮތެއް ނުނިންމި ނަމަވެސް އަމީރީ ވަނީ އިއްޔެ ރާއްޖެއިން ފުރާފަ އެވެ. މާލެއިން ފުރުމުގެ ކުރިން މީޑިއާގައި އޭނާ ބުނެފައި ވަނީ ކޮންޓްރެކްޓްގެ ބޭރުން ކަމެއް ޑިމާންޑް ނުކުރާ ކަމަށެވެ. އަދި އޭނާ ވަނީ އޭނާއަށް ދެ މަހުގެ މުސާރަ ނުދޭ ކަމަށް ވެސް ބުނެފަ އެވެ.

އޭއެފްސީ ކަޕުގެ އަނެއް ބުރަށް ނިއުއަށް ނުދެވުނު ނަމަވެސް އަމީރީ ވަނީ ޓީމުގެ ފަހަތުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް އޭއެފްސީ ކަޕު ދަތުރު ނިއުއަށް ނިމުމަށް ފަހު، އަމީރީއާ ނިއުއާ މެދު ހިތްހަމަނުޖެހުންތަކެއް އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. ނަމަވެސް އޭގަ ފަހުން ކުޅުނު މެޗުތަކުގައިވެސް އަމީރީ ވަނީ ނިއުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

އަފްގާނިސްތާންގެ ގައުމީ ޓީމުގައި ހިނގި މެޗު ފިކްސިންގެ މައްސަލައެއްގައި އަމިރީގެ ބައިވެރިވުން އޮތް ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާގެ މައްސަލަ ފީފާއަށް ވަނީ ހުށަހެޅިފަ އެވެ.

އޭނާގެ ބަދަލުގައި އިތުރު ބިދޭސީ ޑިފެންޑަރެއް ގެނައުމުގެ ވިސްނުމެއް ނިއު އިން ނުގެންގުޅެ އެވެ. އެ ޓީމުގައި މިހާރު ހުރި ބިދޭސީ ޑިފެންޑަރަކީ ސްޕެއިންގެ ހޯޖޭ ގޮޓާރް އެވެ. ނިއުއަށް ގެނައި ހަތަރު ބިދޭސީ ކުޅުންތެރިންގެ ތެރެއިން މިހާރު އެ ޓީމުގައި ހުރީ ގޮޓާރުގެ އިތުރުން މިދިޔަ އަހަރު މެދު ތެރެއިން ނިއުއާ ގުޅުނު ސްޕެއިންގެ ޑިފެންސިވް މިޑްފީލްޑާ ކަންޑެލާ އެވެ. ގެނައި ފޯވަޑް ގްލިއެމް މާޓީގެ ފެންވަރު ދަށްވެ ނިއު އިން ވަނީ މާ ކުރިން ފޮނުވާލާފަ އެވެ.