ސާފް ސުޒުކީ ކަޕް

އަފްގާނިސްތާން ޓީމުގެ ރޭވުންތައް "ބަަޔަކު ދަނީ ވަގަށް" ނަގަމުން: ކޯޗު

އަފްގާނިސްތާން ޓީމު ޕްރެކްޓިސް ކުރާއިރު ކޮންމެވެސް ބަޔަކު ފޮޓޯ ނަގައި ވީޑިއޯ ކުރާ ކަމަށާއި މިއީ ބޮޑު މައްސަަލައެއް ކަމަށް އެ ޓީމުން ބުނެފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު ޕީޓަރު ސެގަޓް ބުނީ ކޮންމެ ދުވަހަކު ވެސް އެ ޓީމު ޕްރެކްޓިސް ކުރާއިރު ބަޔަކު ފަސް ވަރަކަށް
މިނިޓްވަންދެން ފޮޓޯނަގައި ވީޑިއޯ ކުރާ ކަމަށެވެ.

"އެއީ އެންމެ ބޮޑު ކަންބޮޑުވުމަކީ. ކޮންމެ ދުވަހަކު ވެސް ފަސް ވަރަކަށް މީހުން އައިސް ފޮޓޯ ނަގައި ވީޑިއޯކޮށް ހަދާ. ފޮޓޯ ނަގައި ވީޑިއޯ ކުރުމަކީ އަހަރުމެންގެ ރޭވުންތަކަށް އެޅޭނެ ހުރަހެއް،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ މުބާރާތުގެ އިންތިޒާމްތައް ގޯސްވި ނަމަވެސް އެކަން ހަނދާން ނައްތާލާފައި މެޗަށް ހާއްސަވާން ޖެހޭ ކަމަށެވެ.

"އަދި މުބާރާތް މި ފަށަނީ. މިހާ އަވަހަށް މުބާރާތުގައި ލިބިދާނެ ކާމިޔާބީގެ ވާހަކަ ދެއްކުމުގެ މާނައެއްނެތް. އަހަރުމެން ތައްޔާރުވާނީ މެޗަކަށްފަހު މެޗަކަށް،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ޓީމު ވަނީ ވަރަށް ޒުވާންވެފައި ކަމަށާއި ނަމަވެސް ގްރޫޕުގެ އެންމެ ވަރުހަދަ ޓީމަކީ ބަނގްލަދޭޝް ކަމަށާއި ފުރަތަމަ މެޗުގައި މޮޅުވާން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.

އަފްގާނިސްތާނާއި ބަނގްލަދޭޝްގެ އިތުރުން ގްރޫޕް ބީގައި ދެން ހިމެނެނީ ރާއްޖެ އާއި ބޫޓާނެވެ.