ހަބަރު

ލަންކާއިން ހައްޔަރުކުރި ދިވެހިން އަތުގައި 100 އަށްވުރެ ގިނަ މީހުންގެ ބަރަހަނާ ވީޑިއޯހުރި

ބްލެކް މެއިލްކޮށްގެން ލަންކާގައި ހައްޔަރު ކުރި މީހުންގެ އަތުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ފަސް ސިޔާސީ މީހުންނާއި 100 އަށް ވުރެއް ގިނަ އިތުރު މީހުންގެ ބަރަހަނާ ވީޑީއޯ ހުރި ކަމަށް ލަންކާގެ ސީއައިޑީ އިން ބުނެފި އެވެ.

އެ ގައުމުގެ ސީއައިޑީއާ ހަވާލާދީ ސަންޑޭ ޓައިމްސްގައި ބުނެފައި ވަނީ ކޮލޮމްބޯގައި ދެ ދިވެހިން ހައްޔަރުކުރީ ބަރަހަނާ ވީޑިއޯތައް ލީކު ކުރާނެ ކަމަށް ބުނެ ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިން ބްލެކްމެއިލްކޮށް ގިނަ އަދަދަކަށް ފައިސާ ނެގި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ ދިވެހި ވިޔަފާރިވެރިޔަކު ލަންކާ ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން ކަމަށާއި އެ ވިޔަފާރިވެރިޔާ އަތުން ވެސް 9.8 މިލިއަން ރުޕީސް އަތުލާފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

ސަންޑޭ ޓައިމްސްގައި ބުނެފައި ވަނީ އެ ދެ މީހުން ހައްޔަރު ކުރީ ދެހިވަލާގައި ހުންނަ ހޮޓަލަކުން ކަމަށާއި އެތަނުން ފެނުން ދެ ލެޕް ޓޮޕުގައި މިހާރު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުންދާ ފަސް ސިޔާސީ މީހުންނާއި 100 އިތުރު މީހުންގެ ބަރަހަނާ ވީޑިއޯތައް ހުރި ކަމަށެވެ.

ލަންކާގެ ސައިބާ ކްރައިމް ޑިވިޝަން ޑިޓެކްޓާއެއް ވިދާޅުވީ ބަރަހަނާ ވީޑިއޯތައް އެމީހުން ހޯދާފައި ވަނީ އަންހެނެއްގެ ނަމުގައި ފޭސްބުކް އިން ފްރެންޑް ރިކްއެސްޓް ފޮނުވުމަށް ފަހުގައި ކަމަށެވެ.

"ފްރެންޑް ރިކުއެސްޓް ގަބޫލު ކުރުމުން އެމީހަކާ ވާހަކަދައްކައި ގާތް ގުޅުމެއް ބޭއްވުމަށް ފަހު ފޮޓޯތައް ބަދަލު ކުރަން ފަށާނެ. ދެން ފަށާނީ ސްކައިޕް އިން ވީޑިއޯ ކޯލް ކުރަން. ވީޑިއޯ ކުރާއިރު އަންހެންމީހާ ފަޅިން ފެންނާނީ ކުރިން ކުޅެފައި ހުރި ބަރަހަނާ ވީޑިއޯއެއް. ދެން ފިރިހެން މީހާވެސް ބަރަހަނާ ވުމުން އެ ރިކޯޑުކޮށް ބްލެކް މެއިލް ކުރުމަށް ބޭނުން ކުރާނީ،" ޑިޑެކްޓިވް ވިދާޅުވި އެވެ.

މިހާތަނަށް ތަހުގީގުން ދައްކާގޮތުގައި މިމައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ބެންކް އެކައުންޓުން 6.5 މިލިއަން ރުފިޔާ ހުރި ކަމަށާއި އެ ދެމީހުން ބަނދުގައި ބަހައްޓައިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ލަންކާ ފުލުހުންނާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.