އެޗްޑީސީ

ހުޅުމާލޭގެ ހަޓްތައް ބަދަލުކުރަން ބިމެއް ދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ތަރައްގީކުރަން ނިންމާފައިވާތީ އެ ސަރަހައްދުގައި ހަދާފައިވާ ހަޓްތައް ޖެހިގެން އޮތް ހުސް ސަރަހައްދަށް ބަދަލުކުރަން އަންގައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވީގެ ރުއްގަނޑު ތިނެއްގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން އެތަނުން ނެގުމަށް އެޗްޑީސީ އިން ކުރިން އޮތީ އަންގާފަ އެވެ.

ނަމަވެސް ފަހުން އެޗްޑީސީ އިން ވަނީ އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އެ ހަޓްތައް މިހާރު ހުރި ތަނުން ނަގައި ޖެހިގެން އޮތް ބިމަށް ބަދަލުކުރަން އަންގާފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައިވަނީ އެކިއެކި ވިޔަފާރީގެ ބޭނުމަށެވެ. ނަމަވެސް މިސަރަހައްދަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީ ވަސީލަތްތައް ގާއިމުވެފައިވާ ސަރަހައްދެއް ނޫނެވެ.

"މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމުކުރުމަށް މި ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ސަރަހައްދު ތަރައްގީކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެ އެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

އެޗްޑީސީ އިން އިތުރަށް ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިތުމަތްތައް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.