މޯލްޑިވްސް އިމިގްރޭޝަން

އިމިގްރޭޝަން ވޮޗަށް 600 އަށްވުރެ ގިނަ މައްސަލަ

އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމަށް ގާއިމުކޮށްފައިވާ "އިމިގްރޭޝަން ވޮޗް" އަށް 600 އަށްވުރެ ގިނަ މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފި އެެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް 626 މައްސަލަ އިމިގްރޭޝަން ވޮޗަށް ހުށަހަޅާފައިވެ އެވެ.

މީގެ ތެރެއިން 496 މައްސަލަ ބަލަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ބުނީ ބުނެފަ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި 105 މައްސަލައެއް މިހާރު ދަނީ ވެރިފައިކުރަމުންނެވެ. އަދި އެ އިދާރާއާ ނުގުޅޭ މައްސަލަތަކާ ގުޅޭ ގޮތުން 25 ރިޕޯޓް ލިބިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ދަނީ ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެ ގޮތުން މިހާތަނަށް 266 ތަނެއް ރެއިޑްކޮށް 3،542 ބިދޭސިއަކު ވަނީ ރާއްޖެއިން ފުރުވާލާފަ އެވެ.

އިމިގްރޭޝަން ވޮޗް އިފްތިތާހުކުރީ މިއަހަރުގެ ޖުލައި 17 ވަނަ ދުވަހު އެވެ.

މިޕްލެޓްފޯމުގައި ކޮންމެ މީހަކަށްވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ނުވަތަ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތު ރިޕޯޓް ކުރެވޭނެ އެވެ.

ޕްލެޓްފޯމް މެދުވެރިކޮށް އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް ރިޕޯޓް ކުރުމުގެ ފުރުސަތު ލިބެ އެވެ. އިމިގްރޭޝަން ދެކޭ ގޮތުގައި މިކަމުގެ ސަބަބުން އިމިގްރޭޝަނާއި އާންމުން ގުޅިގެން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.

އިމިގްރޭޝަން ވޮޗަށް އާންމުންނަށް 24 ގަޑިއިރުވެސް މައްސަލަ ރިޕޯޓްކުރެވޭނެ އެވެ. އަދި ގުޅުންހުރި ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު މައުލޫމާތާއި ފޮޓޯވެސް ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅެ އެވެ.