ސީރިޔާ

އިންތިހާބު ބޭއްވުމުގެ ވާހަކަތަކަށް ސީރިއާ ދެކޮޅު ހަދައިފި

ކުރިޔަށް އޮތް 18 މަސްތެރޭގައި އިންތިހާބު ބާއްވަން އދ. އިން އިލްތިމާސްކުރި ނަމަވެސް އެކަން ކުރަން ސީރިއާއިން ދެކޮޅު ހަދައިފި އެވެ.

ސީރިޔާގެ ސަރުކާރުން ބުނަނީ ސީރިޔާގެ ހަނގުރާމައަށް ހުއްޓުމެއް ގެނެސް އަމާންކަން ގައުމަށް ގެނެއުމުގެ މަގްސަދުގައި ޕީސް ޓޯކްސް ކުރިޔަށް އޮއްވާ އިންތިހާބެއް ބޭއްވުމަށް އިސްކަން ނުދެވޭނެ ކަމަށެވެ.

އދ. އިން ސީރިޔާއަށް ހަމަޖައްސާފައިވާ ސްޕެޝަލް އެންވޯއީ ވިދާޅުވެފައިވަނީ އދ. އިން މޮނިޓާ ކުރާނެ އިންތިހާބެއް ސީރިޔާގެ ބާއްވަން ކުރިޔަށް އޮތް މަޝްވަރާތަކުގައި ވެސް ވާހަކަ ދެކެވޭނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވެފަ އޮތް ނަމަވެސް، ސީރިޔާގެ ހާރިޖީ ވަޒީރު ވަނީ އެކަމާއި ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވެފައިވަނީ ކުރިޔަށް އޮތް މަޝްވަރާތަކުގައި އިންތިހާބުގެ ވާހަކަ އެޖެންޑާގައި ހިމަނާނަމަ ސަރުކާރުން އެކަމާއި ދެކޮޅު ހަދާނެ ކަމަށެވެ.

ސީރިޔާގެ ހާރަޖީ ވަޒީރު ވިދާޅުވީ އިންތިހާބެއް ބޭއްވުން ނުވަތަ ނުބޭއްވުން ކަނޑައަޅާނީ ސީރިޔާގެ ރައްޔިތުން ކަމާއި، މިނިވަން ގައުމެއްގެ ހައިސިއްޔަތުން އދ. ގެ މި އިލްތިމާހަށް ބޯލަނބަން ނުޖޭ ކަމަށެވެ.