ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ޖޯސެފް ބޮރެލް އިޒުރޭލަށް ވަޑައިގަތުމަށް އެ ގައުމުން ހުއްދައެއް ނުދިނެވެ. މިހެންކަމުން އޭނާ މިހާރު ވަނީ އިޒުރޭލަށް ކުރައްވަން އޮތް ދަތުރު ކެންސަލްކުރައްވާފަ އެވެ.
ބޮރެލް މިހާރު އުޅުއްވަނީ މެދުއިރުމައްޗަށް -- މިސްރަށާއި ލުބްނާނަށް ކުރައްވާ ދަތުރެއްގަ އެވެ. ތިންވަނަ މަންޒިލަކަށް އޮތީ އިޒުރޭލެވެ. ނަަމަވެސް، އެ ގައުމުގެ ޚާރިޖީ ވަޒީރު އިޒުރޭލު ކަޒް ބޮރެލްއަށް ދެކޮޅުހައްދަވައި ދަތުރަށް ހުއްދައެއް ނުދެއްވި އެވެ.
އިޒުރޭލަށް ވަޑައިގަތުމަށް ބޮރެލް ކުރިންވެސް ހަމަޖައްސަވާފައި އޮތީ ސެޕްޓެމްބަރު 14-15 އެވެ. އިޒުރޭލުން ބޭނުންވީ މި ދަތުރު އޮކްޓޯބަރުގެ ފަހު ހަފުތާއަށް ބަދަލުކުރާށެވެ. ނަމަވެސް، އެހާހިސާބަށް ތާރީޚު ދާއިރު -- ބޮރެލް މިހާރު ހުންނެވި ވަޒީފާގެ މުއްދަތު ހަމަވާނެ އެވެ.
ޖޯސެފް ބޮރެލް އަކީ ޔޫރަޕިއަން ނޫނިއަންގެ ބާރުގަދަ ވެރިއެއް ނަމަވެސް، އޭނާ އަކީ އިޒުރޭލުގެ ވެރިން އެހާ ގަޔާވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ސަބަބަކީ، އިޒުރޭލުގެ ވެރިންނަށް ފާޑުވިދާޅުވުމުގައި، ބޮލަށް ކަނދުރާއަށް ބެއްލެވުމުގެ އުސޫލު ބޮރެލް ނުގެންގުޅުވުމެވެ.
ބޮރެލް ވަނީ އިޒުރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެންގަވީރަށް ދަތިކުރުމުގެ ދިޔަވަޅުމަށް ގާނޫންހަދާ މަޖިލީހަށް ގޮވާލައްވާފަ އެވެ. އަދި އިޒުރޭލުގެ މާލީ ވަޒީރު ބެޒަލްއެލް ސްމޮތުރިޗަށް ވެސް ދަތިކުރަން ޖެހޭ ކަމަށް ބޮރެލް ވިދާޅުވި އެވެ.
އިޒުރޭލުގެ މި ދެ ވަޒީރުންނަކީ ފަލަސްތީން މީހުންނަށް އަނިޔާކުރުމަށާއި ދަތިކުރުމަށް އަދި މުސްލިމުންނަށް ނަފުރަތުކޮށް ފުރައްސާރަކުރުމަށް ގޮވާލައްވާ ދެ ވަޒީރުންނެވެ.
ގަޒާގެ މެދުތެރޭގައި ހުންނަ އދގެ ސްކޫލަކަށް އިޒުރޭލުން ދިން ހަމަލާތަކާ ގުޅިގެންވެސް ބޮރެލް ވަނީ އިޒުރޭލަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. އަދި ހަމަލާއަށް ޒިންމާވާ ބަޔަކު ހޯދައި ޝަރީއަތްކުރުމަށް ވެސް ގޮވާލެއްވި އެވެ.
އިޒުރޭލުން ގަސްދުގައި މީހުން ބަނޑަށް ޖައްސާ ކަމަށް ވެސް ބޮރެލް ވިދާޅުވި އެވެ. އަދި ބަނޑުހައިހޫނުކަމުން ފައިދާ ނަގައި، ޣައްޒާގެ އާންމު ރައްޔިތުން މަޖުބޫރު ހާލަތްތަކަށް ހުޅަހަޅާ ކަމަށް ވެސް ބޮރެލް ވިދާޅުވި އެވެ.
ބޮރެލް ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ކުރިން ޣައްޒާ އަކީ ފުރާޅު ނެތް ޖަލެކެވެ. ހަނގުރާމައަށް ފަހު އެއީ ގަބުރުސްތާނެއް ކަމަށް ވެސް ބޮރެލް ވިދާޅުވި އެވެ.