އެމެރިކާ ޑޮލަރު

ޑޮލަރުން ޓެކްސް ދައްކަންޖެހޭ ގޮތް ހަދައިފި

ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ގާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސްތައް އެމެރިކާ ޑޮލަރުން ދައްކާ ގޮތަށް، އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު އިސްލާހު ކޮށްފި އެވެ.

މި އިސްލާހުގައިވާ ގޮތުން އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީ އަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ނަމަ އެ ފަރާތެއްގެ އިންކަމް ޓެކްސް ބަޔާނާއި އިންޓެރިމް ބަޔާންތައް ތައްޔާރުކުރަން ވާނީ އެމެރިކާ ޑޮލަރުންނެވެ. އަދި އެފަދަ ފަރާތްތަކުން އިންޓެރިމް ޕޭމަންޓާއި އިންކަމް ޓެކްސް ދައްކަން ވާނީ އެމެރިކާ ޑޮލަރުން ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.

މީގެއިތުރުން އެ ފަރާތެއްގެ ފަންކްޝަލް ކަރަންސީ އަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ނަމަ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް، މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތުހޯލްޑިން ޓެކްސްގެ ބަޔާންތައް ތައްޔާރުކޮށް އެ ޓެކްސްތައް ދައްކަން ވާނީ އެމެރިކާ ޑޮލަރުން ކަމުގައިވެސް އިސްލާހުގެ ވެއެވެ.

ވިތުހޯލްޑިން ޓެކްސްތައް ޑޮލަރުން ދައްކަންޖެހެނީ މިއަަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ އިންކަމް ޓެކްސް އާއި ޕެންޝަން ފައިސާ އާއި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ދައްކަންޖެހޭ ގޮތަށް ކަމާގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާ އެކަން އިއުލާން ކުރީ މިދިޔަ އޮގަސްޓް 25 ވަނަ ދުވަހު އެވެ.