ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ތައްޔާރަށް އޮތް ކަމަށް އިންޑިއާ އިން ބުނެފި އެވެ.
އިންޑިއާގެ އިކޮނޮމިކް ޓައިމްސްއަށް އެ ގައުމުގެ އޮފިޝަލަކު ވިދާޅުވީ އެ ގައުމުގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާ 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ ހަމަޖައްސައިދިނުމުގެ މަސައްކަތް މިހާރު ދަނީ ހަމަޖެހެމުންނެވެ.
މީގެއިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2019 ވަނަ އަހަރު އިންޑިއާ އާއި އެކު ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ރާއްޖެއަށް ބޭނުންވާ އެހީތައް މިސަރުކާރުން ބޭނުންވާ ގޮތަށް ހަމަޖައްސައިދިނުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން ހަމަޖައްސައިދެމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ތައްޔާރަށް އޮތް ކަމަށް އިންޑިއާ އިން ބުނެފައި މިވަނީ ރައީސް ޑރ. މުހައްމަދު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ތައްޔާރުވެފައިވާ ވަގުތެއްގައެވެ. އެހެންވެ ރައީސްގެ މިދަތުުރުފުޅުގައި އިންޑިއާ ސަރުކާރާ އެކު މުހިއްމު އެއްބަސްވުންތަކެއް ގާއިމުކުރައްވާނެ ކަމަށް ބެލެވެ އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭ އިން އަންނަނީ ރާއްޖޭގެ ފޮރިން ކަރަންސީގެ ރިޒާވް ރަނގަޅު ކުރުމަށްޓަކައި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު ރާއްޖެގެ ރިޒާވްގައި މިވަގުތު 444 މިލިއަން ޑޮލަރު ހުރިއިރު މީގެތެރެއިން ޔޫޒަބަލް ރިޒާވްގައި ހުރީ 61 މިލިއަން ޑޮލަރެވެ.