ރައްޔިތުންގެ މަޖިލިސް

ކުންފުނިތަކުގެ ހާއްސަ އާންމު ޖަލްސާ ބާއްވަންދޭ މުއްދަތު ކުރުކުރަން އިސްލާހެއް

ކުންފުނިތަކުގެ ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ދޭ މުއްދަތު ކުރުކުރަން ކުންފުނީގެ ގާނޫނަށް ހުށައެޅި އިޞްލާހުގެ ބަހުސް ފަށައިފި އެވެ.

މި އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގަ އެވެ. ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އެވެ.

މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ފުރަތަމަ ޖަލްސާގަ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭންޖެހެ އެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހެ އެވެ.

ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭންޖެހެ އެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހެ އެވެ.

ކުންފުނީގެ ގާނޫނުގައި މިހާރު އޮތް ގޮތުން ޕްރައިވެޓް ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވަން ޖެހެ އެވެ.

ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ އެ މުއްދަތު ހަތް ދުވަހަށް ބަދަލުކުރުމަށް ހުށަހަޅާފަ އެވެ.

ގާނޫނަށް މި އިސްލާހު ހުށަހަޅާފައި މިވަނީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އެއްކޮށްލުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.