ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ މިދައުރު ނިންމާލުމަށްފަހު ފުރަތަމަ ފަހަރަށް ޗުއްޓީއަށް ހިނގައްޖެ އެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވީ މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. އެއީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ މަޖިލިސް މިއަހަރަށް އަދި މިއަހަރުގެ ފުރަތަމަ ދައުރަށް ހުޅުއްވައިއްވީ މިއަަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމާލުމަށް މިރޭ ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު އެވެ.
ޖަލްސާ ނިންމަވާލައްވަމުން ނާޒިމު މިރޭ ވިދާޅުވީ މަޖިލީހުގެ މިދައުރުގައި 33 ޖަލްސާ އާއި 232 ކޮމިޓީ ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. އެއީ ޖަލްސާތަކަށް 75 ގަޑިއިރު އަދި ކޮމިޓީ ބައްދަލުވުންތަކަށް 190 ގަޑިއިރާއި 29 މިނެޓެވެ.
ނާޒިމު ވިދާޅުވީ މިދައުރުގައި މަޖިލީހަށް ހުށަހެޅިފައިވާ މަސައްކަތްތަކުގެ ތެރެއިން 82.9 ޕަސަންޓް މަސައްކަތް ނިންމާފައިވާ ކަމަށެވެ.
މަޖިލީހުގެ ދެވަނަ ދައުރު ފެށޭނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އެކަމަކު މަޖިލީހުގެ ޖަލްސާތައް ރަސްމީކޮށް ފެށޭނީ އޮކްޓޫބަރު ތިނެއް ނުވަތަ ހަތެއްގައި ކަމަށްވެސް ނާޒިމު ވިދާޅުވި އެވެ.
ނާޒިމު އިތުރަށް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމު މަގާމުން ވަކިކުރުމަށް މިރޭ މަޖިލީހުން ފާސްކޮށްފައިވާތީ ދައުރުން ބޭރުގައި މަޖިލީހުގެ ދެ ޖަލްސާއެއް ބާއްވަންޖެހޭނެ ކަމަށެވެ. އެއީ ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނުގައި އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ލާޒިމުކޮށްފައިވާތީ ކަމަށްވެސް ވިދާޅުވި އެވެ.