ބީއެމްއެލްގެ އިސްމަގާމުތަކަށް ދިވެހިން އައްޔަންކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމް ވިދާޅުއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ސަރުކާރުގެ ފަރާތުން ކުންފުނީގެ ގާނޫނަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ބީއެމްއެލްގެ ބިދޭސީ ސީއީއޯ އިސްތިއުފާ ދެއްވާފައިވާ މިދަނޑިވަޅުގައި، ބީއެމްއެލްގެ ބޯޑަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން އެކުންފުނީގެ ހާއްސަ އާއްމު ޖަލްސާ ބާއްވަން ނިންމަފައިވާ މިވަގުތަކީ އެ ބިލް ހުށަހެޅުމަށް ރަނގަޅު ވަގުތު ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮޑު މުސާރަ ދީފައި ބޭންކުގެ އިސް މަގާމުތަކުގައި ބޭރު މީހުން ބެއިތިއްބުމަކީ މުސްތަގުބަލުގައި ރަނގަޅު ނޫން އެތައް ކަމެއް ހިނގުމަށް ހުޅުވޭ ދޮރެއް ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީއާއި ކުންފުނިތަކުގެ ބެލެނިވެރި ފަރާތުން ބީއެމްއެލްގެ ކަންކަން މިހާރަށް ވުރެ ރަނގަޅަށް ބަލަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބޭންކް އަޅުގަނޑުމެންގެ އެއްވެސް ކޮންޓްރޯލެއް ނެތި މިގޮތަށް ހިނގަމުންދާ ކަމަށްވާނަމަ، އެދުވަހު ދިމާވި ކަންތަކަށް ވުރެ ސީރިއަސް ކަންތައް ކުރިއަށް އޮތް ތަނުގައި ދިމާވުމަކީ އެކަށީގެންވާ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.
ދާދިފަހުން ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުކަކުން ވައްކަން ކުރި މައްސަލަ އަކަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ އޭރުވެސް ބޭންކުގެ އެންމެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި އޮޕަރޭޝަންސް މެނޭޖަރާއި، ކްރެޑިޓް ކޮންޓްރޯލް މެނޭޖަރާއި އަދި ރިސްކު މެނޭޖަރު ރާއްޖޭގައި ނެތް ކަމަށާއި އެއީ ބިދޭސީން ކަމަށްވެސް ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވީ ބިދޭސީ މުވައްޒަފަކަށް 15،000 ޑޮލަރުގެ މުސަރައަކީ ކުޑަ މުސާރައެއް ނޫން ކަމަށާއި އެހެންކަމުން އެފަދަ މުސާރަތަކުގައި ބީއެމްއެލްގެ އިސް މަގާމުތަކަށް ދިވެހިން އައްޔަންކުރަންޖެހޭ ކަމަށެވެ. އަދި ކަމާގުޅޭ ގާނޫނުތަކަށް އިސްލާހު ގެނެސްގެން ނަމަވެސް ކުންފުނިތަކުގެ ބޯޑު މެންބަރުންގެ ބައްބަލުވުންތައް ބާއްވަންޖެހޭ ގޮތްވެސް މިހާރަށް ވުރެ ހަރުދަނާ ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.