ބާސެލޯނާ

ބާސާއިން ޖިރޯނާ ބަލިކޮށްފި

ސްޕެއިނުގެ ޒުވާން ވިންގަ ލަމީން ޔަމާލްގެ ދެ ލަނޑުގެ އެހީގައި ބާސެލޯނާއިން ޖިރޯނާ 4-1 އިން ބަލިކޮށް، ލަ ލީގާގައި ސައްތައިންސައްތަ ރެކޯޑު ދަމަހައްޓައިފި އެވެ.

މިއީ ޖިރޯނާއާ ދެކޮޅަށް ބާސެލޯނާ ލީގުގައި ކުޅުނު އެންމެ ފަހުގެ ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. ކުރީގެ ދެ މެޗުން މޮޅުވެފައިވަނީ ޖިރޯނާ އެވެ.

މި ނަތީޖާއާއެކު ބާސެލޯނާއިން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން 15 ޕޮއިންޓް ހޯދާފަ އެވެ. ދެވަނައިގައިވާ ރެއާލް މެޑްރިޑާއި ތިންވަނައިގައިވާ އެޓްލެޓިކޯ މެޑްރިޑް އަދި ހަތަރުވަނައިގައިވާ ވިޔަރެއާލަށް ފަސް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.

ބާސާ-ޖިރޯނޯ މެޗުގައި ގޯލް ޖެހި ވަގުތުތައް:

  • 30 ވަނަ މިނެޓު: ލަމީން ޔަމާލް (ބާސެލޯނާ)
  • 37 ވަނަ މިނެޓު: ލަމީން ޔަމާލް (ބާސެލޯނާ)
  • 47 ވަނަ މިނެޓު: ޑަނީ އޯލްމޯ (ބާސެލޯނާ)
  • 64 ވަނަ މިނެޓު: ޕެޑްރީ (ބާސެލޯނާ)
  • 80 ވަނަ މިނެޓު: ކްރިސްތިއަން ސްޓުއާނީ (ޖިރޯނާ)

މެޗުގެ 87 ވަނަ މިނެޓުގައި ބާސެލޯނާގެ ފެރާން ޓޮރޭޒަށް ރަތް ކާޑެއްވެސް ދެއްކި އެވެ.

ޑަނީ އޯލްމޯ ވަނީ 2011 ވަނަ އަހަރުގެ ފަހުން ލީގުގައި ބާސެލޯނާއަށް ކުޅެދިން ފުރަތަމަ ތިން މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑު ފޮތަށް ނަން އިތުރުކޮށްފަ އެވެ.

ބާސެލޯނާ ދެން ކުޅޭނީ މި މަހުގެ 22 ވަނަ ދުވަހު ވިޔަރެއާލްއާ ދެކޮޅަށެވެ. ޖިރޯނާގެ ދެން އޮތް މެޗަކީ 21 ވަނަ ދުވަހު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.