ކުޅިވަރު

ވެލެންސިއާ ބަލިކޮށް ބާސާއިން ފެށުން ރަނގަޅުކޮށްފި

ސްޕެއިންގެ ކުލަބުތަކުގެ މެދުގައި ކުޅޭ ލަލީގާގައި ބާސެލޯނާއިން ކުޅުނު ފުރަތަމަ މެޗު މޮޅަކުން ނިންމާލައިފި އެވެ.

ސްޕެއިންގެ މެސްޓްރާލާ ސްޓޭޑިއަމްގައި ރާއްޖެ ގަޑިން ރޭ ދަންވަރު ކުޅުނު މި މެޗު ބާސާއިން ވެލެންސިއާގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއިން އެވެ.

މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް 44 ވަނަ މިނެޓްގައި ވެލެންސިއާގެ ހުގޯ ޑުރޯ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން 45 މިނެޓް ހަމަވެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ލަމިން ޔަމާލްގެ އެސިސްޓަކުން ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އެވެ.

ދެވަނަ ހާފުގެ ފަށައި މާ ގިނަ އިރެއް ނުވަނީސް މެޗުގެ 49 ވަނަ މިނެޓްގައި ބާސާއަށް ލިބުނު ޕެނަލްޓީއެއްގައި ލެވަންޑޮސްކީ ގޯލެއް ކާމިޔާބުކޮށް ބާސާއިން ލީޑު ފުޅާކުރި އެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީވެސް ބާސާއިން އެވެ. ބާސާއިން އުފެއްދި 18 ހަމަލާގެ ތެރެއިން އިދިކޮޅު ގޯލާ އަމާޒުކޮށް 6 ހަމަލާ ދިނެވެ. ވެލެންސިއާ އިން 6 ހަމަލާ އުފެއްދި އިރު އޭގެން ގޯލާ ސީދާ ވެފައިވަނީ އެންމެ ދެ ހަމަލާ އެވެ.

ބާސެލޯނާއިން ލަލީގާގައި ދެން ބައްދަލުކުރާނީ އެތްލެޓިކް ކްލަބްއާ އެވެ.

މިމެޗު ކުޅޭނީ މިމަހު 24 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 10:00 ޖަހާއިރު އެވެ.