ކުށްކުރުން

ދޮށްޓަކާއި ރީލެއް ވަގަށް ނެގި މީހަކު ޖަލަށް

ދޮށްޓަކާއި ރީލެއް ވަގަށް ނެގި މީހެއްގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވެ، ޖަލަށްލާން ހުކުމްކޮށްފި އެވެ.

މާލެ އިން ދެކުނުގެ ރަށެއްގެ ހިނގި މި ހާދިސާގައި، ޒުވާން ފިރިހެނަކު ވަނީ ގެއެއްގައި ރައްކާކޮށްފައި އޮތް ދޮށްޓަކާއި ރީލެއް ވަގަށް ނަގާފަ އެވެ.

މި މައްސަލައިގައި އެ މީހާގެ މައްޗަށް ދައުވާ ކުރުމުން އޭނާ ވަނީ ކޯޓުގައި ކުށަށް އިއުތިރާފްވެ އެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންދިޔައީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

މި ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މި މައްސަލަ ބެއްލެވި ގާޒީ ވަނީ ޖަލު ހުކުމެއް ކުރި ނަމަވެސް އެ އަދަބު ލުއިކޮށްދެއްވާފަ އެވެ.

އަދަބު ލުއިކޮށްދެއްވުމަށް ގާޒީ ނިންމަވައި، ހަތަރު މަހާއި އަށް ދުވަހުގެ ޖަލު އަދަބު ވަނީ 25،600 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްދެއްވާފަ އެވެ. އަދަބު ލުއިކޮށްދިނުމަށް ގާޒީ ނިންމެވީ އެމީހާ ޝަރީއަތަށް އެއްބާރުލުން ދީފައިވާތީއާއި ވަގަށް ނެގި ދޮށްޓާއި ރީލު، އޭގެ ވެރި ފަރާތާ ހަވާލުކޮށްފައިވާތީ އެެވެ.

މި މައްސަލައިގައި ދައުވާ ލިބުނު މީހާ ވަނީ ތަހުގީގު މަރުހަލާގައި 15 ދުވަހަށް ބަންދުކޮށްފަ އެވެ.