ކުންފުނިތަކުގެ ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ދޭ މުއްދަތު ކުރުކުރަން ކުންފުނީގެ ގާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އެވެ.
މި އިސްލާހު ފާސްވީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ބިލް ފާސްކުރުމަށް ވޯޓު ދެއްވި 85 މެންބަރުންގެ އިއްތިފާގުންނެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭންޖެހެ އެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހެ އެވެ.
ގާނޫނަށް ގެނައި އިސްލާހާއެކު ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭންޖެހެ އެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހެ އެވެ.
ކުންފުނީގެ ގާނޫނުގައި މިހާރު އޮތް ގޮތުން ޕްރައިވެޓް ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވަން ޖެހެ އެވެ.
ގާނޫނަށް ގެނައި އިސްލާހާއެކު އެ މުއްދަތު ވަނީ ހަތް ދުވަހަށް ބަދަލުވެފަ އެވެ.
މަޖިލީހުން މި ބިލް ފާސްކުރި ނަމަވެސް، މި އިސްލާހަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ މި ބިލް ތަސްދީގު ކުރައްވާ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.