މޯލްޑިވްސް އިމިގްރޭޝަން

ރެއިޑްގައި އޮފިސަރުން އުޅޭނީ ޔުނީފޯމުގައި، ފާސް އޮންނާނެ: އިމިގްރޭޝަން

އިމިގްރޭޝަން އޮފިސަރުން ކަމަށް ބުނެ ބިދޭސީން އުޅޭ ތަންތަނަށް ވަދެ ބަލައި ފާސްކޮށް ކުށުގެ އަމަލުތަކެއް ބަޔަކު ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފި އެވެ.

މިކަމަށް އިލްތިމާސް ކޮށްފައި މިވަނީ އިމިގްރޭޝަން އޮފިސަރަކަށް ވެގެން ތަނަކަށް ވަދެ ފޭރުނު މީހަކު ފުލުހުން ހައްޔަރުކޮށްފައި ވަނިކޮށެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އިމިގްރޭޝަން އޮފިސަރުން ކަމަށް ބުނެ ބަޔަކު އޮޅުވާލައިގެން ބިދޭސީން އުޅޭ ތަންތަން ބަލައި ފާސްކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިފަދަ މީހުންނަކީ އިމިގްރޭޝަން އޮފިސަރުން ނޫން ކަމަށާއި ރެއިޑްތަކުގައި ހަރަކާތްތެރިވާ އޮފިސަރުންނަމަ ޔުނީފޯމުގައި ތިބުމުގެ އިތުރުން އިމިގްރޭޝަން ފާސް އެމީހުން އަތުގައި އޮންނާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

"ވީމާ މިފަދަ ކަންކަމަށް ސަމާލުވެ، ޝައްކުވާނަމަ އެފަދަ މީހުންގެ ފާސް އަދި ފުރިހަމަ މައުލޫމާތު ބެލުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަން،" އިމިގްރޭޝަނުން ބުންޏެވެ.