ދުނިޔެ

ސެމްސަންގް މަސައްކަތްތެރިން އިންޑިއާގައި ހަޅުތާލުކުރަނީ

ދެކުނު އިންޑިއާގެ ސެމްސަންގް ކާރުޚާނާތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިން ހަޅުތާޅުކުރަނީ އެވެ. މީގެ ނުވަ ދުވަސް ކުރިން ހަޅުތާލުކުރަން ފެށި ގޮތަށް އަދި ވެސް ދަނީ ކުރިއަށެވެ.

ފުލުހުން ބުނާ ގޮތުން ހަޅުތާލު ހުއްޓުވަން ދިން އެއްވެސް ނަސޭހަތެއް އެ މީހުން ނޭހި އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ހިފެހެއްޓުމުން ވެސް ކަންތައްވީ ގޯހެވެ.

މަސައްކަތްތެރިން ހަޅުތާޅުކުރަނީ ރަނގަޅު މުސާރައެއް ދިނުމަށް އެދި އެވެ. އިތުރު އެލަވަންސާއި ކެއިންބުއިމަށް ފުދޭވަރުގެ އެލަވަންސަކަށް ވެސް މަސައްކަތްތެރިން ގޮވާލަ އެވެ.

އަދި މަސައްކަތްކުރަން ޖެހޭ މާހައުލަކީ އެކަށީގެންވާ ތަނަކަށް ހަދައިދިނުމަށް ވެސް އެމީހުން ދަނީ ގޮވަމުންނެވެ.

ސެންޓާ އޮފް އިންޑިއަން ޓްރޭޑް ޔޫނިއަނުން ބުނާ ގޮތުން ސެމްސަންގް އިންޑިއާ ސްރިޕެރުމްބުދޫރު ފެކްޓަރީގައި މަސައްކަތްކުރާ 1،723 މީހުންގެ ތެރެއިން 90 ޕަސެންޓް ތިބީ މަސައްކަތް ހުއްޓާލައި ހަޅުތާލުގަ އެވެ.

ހަޅުތާލުކުރާ މީހުންގެ ތެރޭގައި ހިމެނޭ ބޮޑުންގެ 100 އެއްހާ މީހުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ޓްރޭޑް ޔޫނިއަނުން ބުންޏެވެ.

އިންޑިއާގައި ހުންނަ ސެމްސަންގް މި ކާރުޚާނާގައި އުފައްދަނީ ގޭބިސީތަކުގައި ބޭނުންކުރާ -- އުފުލާ ގެންގުޅޭ އާލާތްތަކެވެ. ރިޕޯޓްތައް ބުނާ ގޮތުން ސެމްސަންގަށް ވަންނަ 12 ބިލިއަން ޑޮލަރުގެ ތިންބައިކުޅަ އެއްބަޔަކީ މި ފެކްޓަރީގައި އުފައްދާ އާލާތްތަކަށް ލިބޭ އާމްދަނީ އެވެ.

މަސައްކަތްތެރިން ބުނާ ގޮތުން މަދު ވަގުތުކޮޅެއްގެ ތެރޭގައި ބޮޑެތި އައިސްއަލަމާރި އާއި ދޮންނަ މެޝިން އަދި އަވަން ފަދަ އާލާތްތައް ރާވައި ނިންމަން މަޖުބޫރުކުރެ އެވެ. އަދި އަރާމުކުރާނެ ވަގުތުކޮޅެއް ދިނުމެއް ނެތި ގިނައިރު މަސައްކަތް ޖައްސަ އެވެ.

ސެމްސަންގް ދެކުނު ކޮރެއާ ހެޑްކުއާޓަރުން ބުނި ގޮތުން މަސައްކަތްތެރިންނާ މަޝްވަރާކުރުމަށް ކުންފުނީގެ އިސް ވެރިން މިހާރު ވަނީ ފަށާފަ އެވެ. އަދި މި މަޝްވަރާތައް ރަނގަޅު ގޮތަކަށް ނިމޭނެ ކަަމަށް އުންމީދުކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.