ދުނިޔެ

ބައިޑަންގެ އަމުރަށް އެމެރިކާގެ ރިޒާވުން 50 މިލިއަން ފީފާ ތެޔޮ ދޫކުރަނީ

އެމެރިކާގެ އެމެޖެންސީ ރިޒާވުން 50 މިލިއަން ފީފާ ސާފު ނުކުރާ ތެޔޮ ދޫކުރަން ބައިޑަން އަމުރު ކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ. "ސްޓްރެޓެޖިކް ޕެޓްރޯލިއަމް ރިޒާވް" އިން ތެޔޮ ނެގުމުގެ ބޭނުމެއް ކަމަށް ވައިޓް ހައުސްއިން ބުނީ ބޭނުމަކީ އެމެރިކާގައި ތެލުގެ އަގު ހިފެހެއްޓެމުއް ނެތި އުފުލެމުން ދާތީ އަގު ކޮންޓްރޯލް ކުރުން ކަމަށެވެ.

ޔޫރަޕަށާއި އެމެރިކާއަށް ބޭނުންވާ ވަރަށް ތެޔޮ ނުލިބުމުގެ ސަބަބުން އަގުތައް އުފުލި ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. ކޮވިޑާ ގުޅިގެން ގައުމުތައް ތަޅުލާފައި އޮތުމުން ތެލުގެ ސަޕްލައި ދަށްވީ ކަމަށް ގައުމުތަކުން ބުނެ އެވެ.

އެމެރިކާއާ ބައިވެރިވުމުގެ ގޮތުން ޗައިނާއާ އާއި އިންޑިއާ، ޖަޕާން އަދި ސައުތު ކޮރެއާއިން ވެސް ރިޒާވުން ތެޔޮ ދޫކުރާނެ އެވެ. އިންޑިއާއިން ބުނީ ފަސް މިލިއަން ފީފާ މާކެޓަށް ނެރޭނެ ކަމަށެވެ.

ވައިޓް ހައުސްއިން ބުނީ ރިޒާވުން ތެޔޮ ނަގާނީ ދުރަށް ވިސްނައިގެން ކަމަށެވެ. އެގޮތުން ބައިޑަން ދެއްވާ ހުއްދައިގެ ބޭނުން ހިވާނީ ބައިބަޔަށް ބަހާލައިގެން ކަމަށެވެ.

ފުރަތަމަ ވިޔަވަހީގައި 32 މިލިއަން ފީފާ ނެރުމަށް ފަހު ދުވަސްކޮޅެއްގެ ތެރޭގައި އެމެޖެންސީ ރިޒާވަށް ހަމަ އެއަދަދަށް އިތުރުކުރަން އެމެރިކާއިން އޮތީ ގަސްދުކޮށްފަ އެވެ.

ވައިޓް ހައުސްއިން ބުނީ ބޭނުން ބޮޑުވާ ކަމަށް ފެންނަ ނަަމަ ރިޒާވުން އިތުރަށް ނަގާނެ ކަމަށެވެ. އަދި ބައިޑަން ވަކި ގޮތަކަށް އިރުޝާދު ދެއްވައިފި ނަމަ އެގޮތަކަށް އަމަލުކުރާނެ ކަމަށެވެ.

ދުނިޔޭގައި ގޮތްކިޔޭ ފެންވަރުގެ ގައުމުތަކުން ރިޒާވުން ތެޔޮ ނެގުން ބޮޑު މައްސަލައަކަށް ވާނެ އެވެ. ގައުމުތަކަށް ދިމާވެފައި އޮތް ތެލުގެ މައްސަލަ ހައްލުކުރުމަށް އޯޕެކް ޕްލަސްއިން ބާޒާރަށް ތެޔޮ ނެރޭ އަދަދު އިތުރުކުރަން އެމެރިކާ އެދުމުން އެކަމަށް ދިނީ ވަނދު ތަރުހީބެކެވެ.

އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ޖޯ ބައިޑަންއަށް މިމައްސަލައިގެ ތެރެއަށް ވަދެވަޑައި ގަންނަވަން ޖެހުނީ އެމެރިކާގައި ތެލުގެ އަގު ކޮންޓްރޯލް ނުވެ އަގުތައް އަދިވެސް އުފުލިދާނެ ކަމަށް ހީވެފައި އޮތުމުންނެވެ.

ދުނިޔޭގެ ބައެއް އެހެން ގައުމުތަކާ ގުޅިގެން އެމެރިކާއިން މަސައްކަތްކުރަނީ ދުނިޔެ ތެލަށްޖެހުން ހުއްޓުވުމަށެވެ. އެހެން ނަމަވެސް މިއީ ސިޔާސީ ގޮތުން އެމެރިކާ ކުޅޭ ކުޅިގަނޑަކަށް ހަދާފާނެ ކަމަށް އޮތް ބިރު ވެސް ބޮޑެވެ.

އޯޕެކް ގައުމުތަކުން ވިސްނާފައި އޮތީ ދުވާލަކު 400،000 ފިފާއަށް ވުރެ އިތުރަށް މާކެޓަށް ނުނެރުމަށެވެ. އެއީ ކޮވިޑާ ގުޅިގެން އުޅަނދުފަހަރު ބޭނުންކުރާ އަދަދު ވަރަށް ބޮޑަށް ދަށްވެ ތެޔޮ އުފައްދާ ގައުމުތަކަށް މާލީ ގޮތުްނ ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ.