މޯލްޑިވްސް އިމިގްރޭޝަން

ހޮޓާތަކެއްގައި ދިރިއުޅޭ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މާލޭގެ ދެ ހޮޓަލެއްގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދިޔަ ބިދޭސީންްތަކެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވާގޮތަށް ތޮށްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލާ ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން މި މަހުގެ 16ވަނަ ދުވަހު މާލެއިން ހަތަރު ތަނެއް ބަލާފާސްކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ދެ ގެޔަކާއި ދެ ހޮޓާ ކަމަށާއި އެ ތަންތަނުގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދިޔަ ހަތް ބިދޭސީއަކު މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 3،500 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންދާއިރު ދާދި ފަހުން އިމިގްރޭޝަން އޮފިސަރަކަށް ވެގެން ބިދޭސީން އުޅޭ ތަނަކަށް ބިދޭސީއެއްގެ އަތުން ވަނީ ފޭރިގަނެފަ އެވެ.

އެކަމާ ގުޅިގެން އިމިގްރޭޝަނުން ވަނީ އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އޮފިސަރުން އުޅޭނީ ޔުނިފޯމުގައި ފާސް އަޅައިން ކަމަށް ބުނެ، އެކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.