ފެނަކަ ކޯޕަރޭޝަނުން ޗުއްޓީއަށްދާ މުވައްޒަފުންގެ އަސާސީ މުސާރައިން ބައެއް ކަނޑައެއް ނުލާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފެނަކައިން މިހެން ބުނެފައިވަނީ އަހަރީ ޗުއްޓީއަށްދާ މުވައްޒަފުންގެ އަސާސީ މުސާރައިން 60 އިންސައްތަ ކަނޑާލަނީކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދެކެވެމުން އަންނަނިކޮށެވެ.
ފެނަކައިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ވަނީ އަހަރީ ޗުއްޓީގައި ހުންނަ މުވައްޒަފުންނަށް މީގެ ކުރިން އަސާސީ މުސާރައިގެ އިތުރުން ދެމުން އައި 60 އިންސައްތަ އެލަވެންސް ކަނޑާލުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެ ސާކިއުލާގައި ވާގޮތުން އެ ނިންމުމާ އެއްގޮތަށް އިއްޔެ އިން ފެށިގެން އަމަލުކުރަން ފަށާފައިވެއެވެ.
ފެނަކައިން މީގެ ކުރިން ދިޔައީ އަހަރީ ޗުއްޓީގައި ހުންނަ މުވައްޒަފުންނަށް އަސާސީ މުސާރައިގެ އިތުރުން އޭގެ 60 އިންސައްތަ އެލަވެންސެއް ދެމުންނެވެ. ނަމަވެސް މިހާރު އެ އެލަވެންސް ދިނުން ވަނީ ހުއްޓާލާފަ އެވެ.
އެ ކުންފުނިން ބުނީ މީގެ ސަބަބުން ޗުއްޓީގައި ހުންނަ މުވައްޒަފުންގެ އަސާސީ މުސާރައިން ބައެއް ކެނޑިގެން ނުދާނެ ކަމަށެވެ. ނަމަވެސް ކުރިން ލިބެމުން އައި އިތުރު އެލަވެންސް މީގެ ފަހުން އުނިވާނެ ކަމަށެވެ.
ފެނަކައިން މި ނިންމުން ނިންމާފައި މިވަނީ ހަރަދުކުޑަކުރުމަށް ސަރުކާރުން ފިޔަވަޅތަކެއް އަޅަމުން ދަނިކޮށެވެ. މިފަހުން ސަރުކާރުން ވަނީ ފެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރުމަށް މަސައްކަތްތަކެއް ފަށާފަ އެވެ.