ދުނިޔެ

ފަލަސްތީންގެ ބިންތަކުން ފޭބުމަށް އިޒުރޭލަށް އެއް އަހަރު

އދގެ އާންމު މަޖިލީހުން އިޒުރޭލާ ދެކޮޅަށް ގަރާރެއް ފާސްކޮށްފި އެވެ.

މި ގަރާރުގައި އިޒުރޭލަށް ގޮވާލާފައިވަނީ ޔަހުދީ އިސްތިއުމާރީ ބާރުތަކުން ހިސާރުކޮށްފައި އޮތް ފަލަސްތީންގެ ބިންތަކުން އެއް އަހަރު ތެރޭގައި ޔަހޫދީން ފައިބައި ފަލަސްތީނާ ބިންތައް ހަވާލުކުރުމަށެވެ.

މިއީ ފަލަސްތީނުން އިސްނަގައިގެން އާންމު މަޖިލީހަށް ވެއްދި ގަރާރެކެވެ. މި ގަރާރަށް 124 ގައުމަކުން ތާއީދުކުރި އެވެ. އަދި 14 ގައުމަކުން ދެކޮޅު ހެދި އެވެ. 43 ގައުމަކުން ވަކިކޮޅަކަށް ނުޖެހެ އެވެ.

ފަލަސްތީންގެ މި ގަރާރަށް ތުރުކީގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނެވެ. އަދި އާންމު މަޖިލީހަށް މި ގަރާރު ވެއްދުމަށް 50 ގައުމަކުން އެހީތެރިވި އެވެ.

މި ގަރާރުގައި ބުނެފައި އޮތް ގޮތުން އިޒުރޭލުން ޔަހޫދީންނަށް އާބާދިތައް އަޅާފައިވަނީ ދުނިޔޭގެ ހުރިހާ ގާނޫނަކާ ހިލަފަށެވެ. ފަލަސްތީންގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިންތަކުން ބޭރުކޮށް އެހެން ބައެއްގެ ވަޒަން ފޭރިގެންފައި އޮތް ކަމަށް ވސް ވަނީ ބުނެފަ އެވެ.

އދގެ އާންމު މަޖިލީހުން މިގޮތަށް ފާސްކުރާ ގަރާރުތަކަށް އަމަލުކުރުމަކީ މަޖުބޫރުކަމެއް ނޫނެވެ. ނަމަވެސް މިވަރުގެ ބޮޑު އަޣުލަބިއްޔަތަކުން ގަރާރެއް ފާސްކުރުމުން އެކަމަކާ މެދު އދގެ މެމްބަރު ގައުމުތަކުން ދެކޭ ގޮތް ވަރަށް ރަނގަޅަށް ސާފުވާނެ އެވެ.

އަނެއްކޮޅުން މި ގަރާރުގެ ސަބަބުން އިޒުރޭލަށް ދަތިކުރަން ފުރުސަތު އޮންނާނެ އެވެ. އަދި ދަތިކުރަން ކެރޭ ގައުމަކަށް އެކަން ކުރެވެންވެސް އޮންނާނެ އެވެ.

މި ގަރާރު ބާރުއަޅަނީ 1967 ވަނަ އަހަރު އިޒުރޭލުން ވެރިވެގަތް ބިންތައް ދޫކޮށްލުމަށެވެ. އަދި ފަލަސްތީންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުން ހުއްޓުވާލައި -- ވަޒަންވެރިކޮށްފައި ހުރި ބިންތައް ދޫކޮށްލުމަށްވެސް ވަނީ ގޮވާލާފަ އެވެ.

މި ގަރާރާ އެއްގޮތަށް އިޒުރޭލުން އަމަލުކުރެތޭ ބެލުން ވަނީ ސެކްރެޓަރީ ޖެނެރަލްއާ މަތިކޮށްފަ އެވެ. އަދި އިޒުރޭލުގެ ހަރަކާތްތަކަށް ބަލައި ރިޕޯޓެއް އެކުލަވާލުންވެސް ވަނީ ސެކްރެޓެރީ ޖެނެރަލްއާ ހަވާލުކޮށްފަ އެވެ.