- ޖަޖުން ބުނަނީ ފޭނުންގެ ވިސްނުމެއް ނެތް ކަމަށް
- ވަކި މީހަކު ކަޓުވާލުމުގެ ރޭވުމެއް ވެސް ނެތް ކަމަށް
- މޮޅު ލަވަކިޔުންތެރިޔާ ހޮވޭނީ ބަޔަކު ކަޓައިގެން ކަމަށް
ގަބޫލުކުރަން ޖެހޭ އެއް ހަގީގަތަކީ ލަވަކިޔަން ނޭނގޭ ނުވަތަ އެކަމުގެ ހުނަރު ނެތް އެއްވެސް ބައިވެރިޔަކު މޯލްޑިވިއަން އައިޑޮލްގެ މިހާރު ކުރިއަށް ދާ ގާލާ ރައުންޑުގައި ނެތް ކަމެވެ. އެހެންވީމަ މީގެ ތެރެއިން ކުއްޖަކަށް ފަހު ކުއްޖަކު ކޮންމެ ހަފުތާ ބަންދެއްގައި ކަޓައިގެންދާއިރު އެ ނިންމުމެއް ނިންމުމަށް އުނދަގޫވާހާ މިންވަރަށް، އެ ނިންމުމެއް ހިތުގެ އެންމެ ފުންމިނުން ބަލައިގަތުމަށް ވެސް ނިކަން އުނދަގޫވާނެ ކަމެވެ.
ވެގެން އުޅޭ ގޮތަކީ މިއީ ކަމަށް ވެދާނެ އެވެ. އެކަމަކު ޝޯގެ ބައެއް ބެލުންތެރިން ގަބޫލުކުރަން ބޭނުން ނުވާ ހަގީގަތަކީ މިއީ އެވެ. އެމީހުން ގަބޫލުކުރާ ގޮތަކީ އަދި ބުނަނީ ވެސް ޝޯގެ ތިން ޖަޖުން ވެސް ވަކިވަކި ކުދިންތަކަކަށް ފޭވާކޮށްފައި ވަކިވަކި ކުދިންތަކެއް ޝޯއިން ކަޓުވާލުމަށް މަސައްކަތްކުރަނީ ކަމަށެވެ.
އެންމެ ބޮޑަށް މި ވާހަކައެއްގެ އަޑުގަދަވެގެން ގޮސްފައި މި ވަނީ ޖެހިޖެހިގެން ތިން ހަފުތާގައި ވެސް އެލިމިނޭޝަންގެ ރަތްގޮނޑި ހޫނުކުރަން ޖެހުނު ބެލުންތެރިންގެ ފެވަރިޓެއް ކަމުގައިވާ އަހުމަދު ނަޒީހު ޝޯއިން ކަޓައިގެންދިޔަ ހިސާބުންނެވެ. ޖަޖުން ޝޯގެ ބައިވެރިންނާ ޖައްސާލައިގެން އުޅޭ ކަމަށް ދެކެވޭ ވާހަކައިގެ އަޑު ވަކިން ގަދަވެގެން ގޮސްފައި މިވަނީ އެއަށް ފަހު އެވެ.
އެކަމަކު ހަގީގަތަކީ އެއެއް ނޫނެވެ. މިއަށް އެންމެ ރަނގަޅު ޖަވާބެއް އޮތީ ޝޯގެ އަންހެން ޖަޖު އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ގެ އަތުގަ އެވެ. އޭނާ ބުނަނީ ޖަޖުން ފޭނުންނަށް ނުވާނެ ކަމަށާއި ފޭނުން، ޖަޖުންނަކަށް ނުވާނެ ކަމަށެވެ.
"ފޭންސުންގެ ފީލިންސްއެއް ނޫން ޖަޖުންގެ ހުންނާނީކީ. ޖަޖުން ބަލާނީ ފްލޯސްއަށް. ޖަޖުން ބަލާނީ އެވަގުތަކު ދޭ ޕާފޯމެންސަކަށް. އިމްޕްރޫވްމަންޓްސް އަށް ބަލާނެ އަދި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކާ ރަނގަޅުކަންތައް ހައިލައިޓްކޮށް ފިއުޗާގަ ބޭނުންކުރެވިދާނެ އެޑްވައި ލާދޭނެ،" އުނޫޝާ ބުންޏެވެ.
"ފޭންސް އަށް ބުނެލާނީ ފޭނުންގެ ފީލިންސް އައި ޓޯޓަލީ އަންޑަސްޓޭންޑްއޭ. އެކަމަކު ޖަޖުން ނުވާނެއޭ ފޭންއަކަށް ބަދަލުވާކަށް. ޖަޖުން ތިބެންވާނީ ޖަޖުންގެ ގޮތުގައޭ. ޖަޖުންގެ ޒިންމާއަކީ އެވަގުތަކު ދޭ ޕާފޯމެންސަކަށް ބަލާފަ ފެއާކޮށް ޕްރޮފެޝަނަލްކޮށް ކޮމެންޓްކޮށް މާކްސް ދިނުން."
މިއީ ކޮމްޕެޓިޝަނެއް! ކޮމްޕެޓިޝަންތަކުގައި ކުދިން ކަޓާނެ!
އަނެއް ހަގީގަތަކީ މިއީ އެވެ. ޝޯގެ އެންމެ ޒުވާން އެކަމަކު އެންމެ މަގްބޫލު ޖަޖު، އަހުމަދު އިބްރާހިމް ނުވަތަ އައްމަޑޭގެ ވާހަކަ އަކުން ފަށައިގަންނަމާ ހިނގާށެވެ. އޭނާ ބުނީ އެންމެ މޮޅު ލަވަކިޔުންތެރިޔާ ހޯދަން މަސައްކަތްކުރާއިރު އެއް ބަޔަކު މިއިން ކަޓައިގެންދާނެ ކަމީ އެންމެން ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ.
"މިއީ ކޮމްޕެޓިޝަނެއް. ކޮމްޕެޓިޝަންތަކުގައި ކުދިން ކަޓާނެ. ކެޓީމަ މުޅި ރާއްޖެ އެއްކޮށް ހަޅޭލައްވަންވީމަ ކޮންތާކުތޯ އެޖެހެނީ. އެތަނުގައި އެބަ އުޅޭ އަދި އެހެން ލަވަކިޔުންތެރިން ވެސް. ހަމަ އޭގެތެރެއިން ކޮންމެ މީހަކު ވެސް ހަމަ މާދަމާ ވެސް ކަޓައިގެން ހިނގައިދާނެ،" އައްމަޑޭ ކިޔައިދިނެވެ.
"ދެން ހަމަ ވީ ހަޅޭލަވަން؟ މިއީ ކޮމްޕެޓިޝަންއެއް. މީގެ އެއް ވަނަ ހޯދަން މި އުޅެނީ. ދިހަ މީހުންނަށް އެއް ވަރަކަށް ދޭކަށް ނޫން މި އުޅެނީ"
"ހުރިހާ ފެމެލީސްތަކަށް ވެސް ބުނެލަން އޮތް ވާހަކަ އަކީ މިއީ ކޮމްޕެޓިޝަން އެކޭ. މީގައި ކޮންމެ ގޮތެއް ވެސް ވެދާނެއޭ. ކޮންމެ މީހަކު ވެސް ކަޓައިގެން ގޮސްދާނެއޭ. ކޮމްޕެޓިޝަންއެއްކަން ހަނދާންކުރާށޭ. ވަކި މީހަކަށް ދޭން ނިންމާފައި އޮތް ޝޯއެއް ނޫނޭ މިއީކީ. އެހެންވީމަ ހުރިހާ ކުދިން ވެސް މޮޅަށް ލަވަކިޔަންވީ ކުރިއަށް އޮތް ރައުންޑްތަކުގައި."
އައްމަޑޭ ބުނީ އައިޑޮލްގައި ވާދަކުރާ ކުއްޖަކު ކަޓައިގެންދާން އެ ކުއްޖެއްގެ އެއްވެސް އާއިލާއަކުން ބޭނުމެއް ނުވާނެ ކަމަށާއި އެ ކުއްޖަކު މޮޅުވުން އެއީ ކޮންމެ އާއިލާއަކުން ވެސް އެދޭނެ ގޮތް ކަމަށެވެ. އެކަމަކު އެހެން އެކަން ކޮންމެ ފަހަރަކު ނުވާނެކަން ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.
"ކޮންމެ ފެމިލީއަކުން ވެސް ބޭނުންވާނީ އެމީހުންގެ ކުއްޖަކު ދޯ އެއް ވަނަ ގެންދަން. އެކަމަކު މިއީ ކޮމްޕެޓިޝަންއެއް ދޯ. އެހެނެއް ނުވާނެ ދޯ މިކަމެއް. އެންމެ ރަނގަޅު ކުއްޖާ އަށް ދޯ މީތި ނިމިގެންދާއިރު އެއް ވަނަ ވެސް ލިބޭނީ،" އައްމަޑޭ ބުންޏެވެ.
އުނޫޝާ ވެސް ބުނީ ކޮމްޕެޓިޝަނަކަށްވާއިރު ކޮންމެ މީހަކު ވެސް އޭގެއިން ކަޓައިގެން ގޮސްދާނެކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.
"ބުނެލާނީ މިއީ ކޮމްޕެޓިޝަނަކަށްވީމަ ކޮންމެގޮތެއްވިޔަސް ވެސް ހަމަ ބޭފުޅެއްގެ ފޭވަރިޓް ކަޓައިގެން ގޮސްދާނެކަން ގަބޫލުކުރަންވާނެ. އަނެއްކާ މިހާރު މީގައި، ޖަޖުން ބައެއް ފަހަރު މޮޅުވާނެއޭ ދެން ކުރިއަށް އޮތްތާނގަ އެސްއެމްއެސް އިން. ބައެއް ފަހަރު އޯޑިއެންސް ވެސް މޮޅުވާނެ،" އުނޫޝާ ބުންޏެވެ.
"ކޮމްޕެޓިޝަންއަކަށްވީމަ ކުރިއަށް ދާނީ ކޮންމެވެސް އެއް ކުއްޖަކު މަޑުކޮށްގެން. އެހެންވެގެން ހުރިހާ ބައިވެރިން ވެސް ވާނެ ޖަޖަސްގެ މާކްސް އާއި އެސްއެމްއެސް ވޯޓުން ވީހާ ވެސް ގިނަ ޕޮއިންޓް ލިބޭތޯ ބަލަން. އަދި މިހައި ހިސާބަށް އާދެވުނީތީ ޝުކުރުކުރަން ވެސް ޖެހޭނެ. މިއީ ކޮމްޕެޓިޝަންގައި އިންނަ ރޫލްސް. ބައެއް ފަހަރު އޯޑިއެންސް ވިންވާނެ. ބައެއް ފަހަރު ޖަޖަސް ވިންވާނެ."
ވަކި ކުއްޖަކު ކަޓުވާލަން ޖަޖުން މަސައްކަތެއް ނުކުރޭ!
ޝޯގެ އަނެއް ޖަޖު ކަމުގައިވާ އިބްރާހިމް ޒައިދު އަލީ ނުވަތަ ކުޑައިއްބެ ބުނީ ޝޯ ބަލާ ބައެއް މީހުން ޖަޖުން ކުށްވެރިކޮށް ވާހަކަ ދެއްކުމަކީ ނުވަތަ ވަކި ބަޔަކު ޝޯއިން ކަޓުވާލަން ޖަޖުން މަސައްކަތްކުރާ ކަމަށް ބުނެ އެ ތުހުމަތު ޖަޖުންގެ ބޮލުގައި އެޅުވުމަކީ ވަރަށް ނުބައި ސަގާފަތަކަށް ފުރުސަތު ދޭ ކަމެއް ކަމަށެވެ. އޭނާ ބުނީ ޝޯގެ ބައިވެރިން ޖަޖުކުރުގައި ވަކި މީހެއްގެ މޫނަށް ބެލުމެއް ނެތް ކަމަށެވެ.
"ބެލުންތެރިންނަކަށް އަސްލު އެހެނެއް ނުބުނެވޭނެ. އެގޮތަށް ވާހަކަ ދެއްކީމަ އެ ދުއްވާލެވެނީ ޖަޖުންނަށް އޮންނަ ރެސްޕެކްޓް. އިތުބާރާ އެއްޗެހި އެ ގެއްލުވާލަނީ. ހަގީގަތަކީ ރަނގަޅަށް ލަވަނުކިޔޭ ކުއްޖާ އޯޑިއެންސަށް ވެސް އެބަފެނޭ. ޖަޖުންނަށް ވެސް އެބައެނގޭ. ޖަޖުން އެބަކިޔައިދޭ ރަނގަޅުކުރަން ޖެހޭ ކަންތައްތައް ވެސް،" އިއްބެ ބުންޏެވެ.
"ބެލުންތެރިން އޭތި ގޯސްކޮށް ނަގަނީ. ޖަޖިންގައި އަޅުގަނޑުމެންނަށް އިންނަ ގޮތަކީ ވީހާ ވެސް ފެއާކޮށް ގެންދިއުން. ކޮންމެ ގޮތެއްވިޔަސް ޝޯއަކީ އިންޓަނޭޝަނަލް ފެންވަރުގައި ކުރިއަށް ގެންދާ ޝޯއެއް."
"ޖަޖިންގައި ނެތް ވަކި މީހަކަށް ފޭވާކުރުމެއް. ޖަޖުން ދީފައި ހުންނާނީ އެ ކުއްޖެއްގެ ޕާފޯމެންސަކަށް ދޭން ޖެހޭ ސީދާ ހިޔާލު."
އުނޫޝާ ވެސް ބުނީ އެފަދަ ގޮތަށް ވަކި ކުއްޖަކަށް ފޭވާކޮށްފައި ވަކި ކުއްޖަކު ކަޓުވާލުމުގެ ބާރެއް ޖަޖުންނަކަށް ނެތް ކަމަށާއި މިއީ ފްރިމެންޓަލް މީޑިއާ އާއި ޕީއެސްއެމް އިން ވެސް ވަރަށް ބޮޑަށް މޮނީޓާކޮށްގެން ކުރިއަށް ގެންދާ ޝޯއެއް ކަމަށެވެ.
"އެއްވެސް ވަރަކަށް އަންފެއާ ވަނީކީއެއް ނޫން. ވަކި ކުއްޖަކާ ޖައްސާލަނީކީއެއް ވެސް ނޫން. ހަމަ ރީތި ޕާފޯމެންސެއްވިއްޔާމު، އެހެން ލަވަމުބާރާތްތަކުގައި ވެސް އަދި އައިޑޮލް ފްރެންޗައިޒްގައި ވެސް ޖަޖުން ބުނަން ޖެހޭނީ ޖަޖުންނަށް ފެންނަ އެއްޗެއް،" އުނޫޝާ ބުންޏެވެ.
"ރީތި ޕާފޯމެންސެއްވެއްޖެއްޔާމު ހައު ކޭން ވީ ފޭކް އަވާ އިމޯޝަންސް. މިއީ ރިއާލިޓީ ޝޯއަކަށްވާތީވެ ރީތިވިޔަސް، ކަމުނުދިޔަސް ޖަޖަސްގެ އިމޯޝަންސް އަންނާނީ އެވަގުތެއްގެ އެ ބައިވެރިއެއްގެ ޕާފޯމެންސަކަށް ވަރަށް ޓްރޫކޮށް. އެ ވަގުތަކު އެ ބައިވެރިއަކު ދޭ ޕާފޯމެންސަށް ވަރަށް ވިސްނާފަ ވަރަށް ރަނގަޅަށް އަޑުއަހާފަ ޖަޖުމިކުރަނީ. އަދި މިހާރު ޓޮޕް 10 އަށް އައީމަ ވަރަށް ބޮޑަށް އިމްޕްރޫވްކުރަން ޖެހޭ ކަންތައްތައް ބަލާފަ އެޑްވައިސް ލާދޭނަން. އޭރަށް މީގައި ކޮމްޕެޓިޝަން ބޮޑުވާނީ ވެސް. އަދި އިންޓްރެސްޓިން ވާނީ."
"ޖަޖުން ތިބުމުގެ ހޯލް ޕޮއިންޓަކީ ވެސް އެއީހެން ކިޑީ އަށް ހީވަނީ."
އައްމަޑޭ ވެސް ބުނީ ޖަޖުން ވަކި ކުއްޖަކު ކަޓުވާލަނީކީއޭ ނުބުނެވޭނެ ކަމަށެވެ. އެ ކުއްޖަކު ކަޓައިގެން ދިއުމުގައި ޖަޖުން ހިއްސާވާ މިންވަރަށް ބެލުންތެރިންގެ ހިއްސާ ވެސް އޭގައި އެބައޮތް ކަމަށެވެ.
"ކަޓައިގެން އެ ދަނީ އޯޑިއެންސް އާއި ޖަޖުންގެ ވޯޓަށް ވެސް ބިނާވެގެން. އެއީ 50-50 އެއްޗެއް. އެހެންވީމަ (މީހަކު އެގޮތަށް ކަޓައިގެންދާ ނަމަ) އޯޑިއެންސުން ވެސް އޭނާ ނުހޮވަނީތާ. އޭނަގެ މަގްބޫލުކަމެއް ނެތީތާ އޯޑިއަންސްތެރޭގައިވެސް. އެހެންވީމަތާ ވޯޓް ވެސް ނުލިބޭނީ،" އައްމަޑޭ ބުންޏެވެ.
"ވަކި މީހަކު ޝޯގައި ބަހައްޓަން މަސައްކަތްކުރަނީކީއެއް ނޫން. ވަރަށް ފެއާކޮށް، ޖަޖުންނަށް ގެންދެވޭނެ އެންމެ ފެއާކޮށް މި ގެންދަނީ ކުރިއަށް. އޯޑިއެންސުން ވެސް ވޯޓް އެ ދެނީ އެންމެ މަގްބޫލު މީހާ އަށް. އެއީ ޖަޖުންކުރާ ކަމެއް ނޫން."
"ދެން އެއްޗެއްގެ ޑިޒިޝަން މޭކްކުރަން ބަލާއިރު އޯޑިއެންސަށް ދީފައި މި އޮންނަ 50 ޕަސެންޓަކީ ވަރަށް ބޮޑު އެއްޗެއް ހަގީގަތުގައި. އެހެންވީމަ އޯޑިއެންސް ވީހާ ވެސް ބޮޑަކަށް ސަމާލުވާށޭ."
ޖަޖުންނަށް 50 ޕަސެންޓްގެ ބާރު އޮންނަން ޖެހޭތަ؟
މިއީ ޝޯގެ ބެލުންތެރިން ކަނޑައަޅާ ކަމެއް ނޫނެވެ. މިއީ މި ޝޯ ފްރެންޗައިޒްކޮށްގެން ކުރިއަށް ގެންދާ ޔޫކޭގެ ފްރިމެންޓަލް މީޑިއާ އިން މޯލްޑިވިއަން އައިޑޮލްގައި ކަނޑައަޅާފައިވާ ފޯމެޓެވެ. އެއީ ވަކި ހިސާބަކުން ފެށިގެން ޖަޖުންނަށް ވޯޓްގެ 50 ޕަސެންޓް ލިބޭއިރު ބެލުންތެރިންނަށް ވެސް އެވަރުގެ ބާރެއް ދިނުމެވެ.
އިއްބެ ބުނީ އެމީހުންނަށް 50 ޕަސެންޓްގެ ބާރު ދީފައި ވަނީ ޝޯ ހިންގާ ފަރާތުން ކަމަށެވެ.
"މީގެ ޖަޖުންނަށް ވޯޓްގެ 50 ޕަސެންޓްގެ ބާރު ދީފައި ވަނީ މި ޝޯ ހިންގާ ފަރާތުން. އެއީ ޝޯގެ ބެލުންތެރިން ނިންމާ ނިންމުމެއް ނޫން. މިއީ ވަކި ބަޔަކު ވަކި ގޮތަކަށް ކުރިއަށް ގެންދަން ނިންމާފައި އޮތް ޝޯއެއް. މުޅި ދުނިޔޭގައި ވެސް. އެހެންވީމަ ޖަޖުންނަށް 50 ޕަސެންޓްގެ ބާރު ދޭނެ ކަމެއް ނެތޭ ބެލުންތެރިން ބުނާނީ ވަރަށް ހިތާމަކުރަން،" އިއްބެ ކިޔައިދިނެވެ.
"އަޅުގަނޑަކަށް ނޭނގޭ ބައެއް މީހުން ކީއްވެގެން ކަމެއް އެހާ އެންޓިވަނީ. ކޮންމެގޮތެއްވިޔަސް ބަލައިގަންނަން ޖެހޭނެ، އެޕްރެޝިއޭޓްކުރަން ޖެހޭނެ މިކުރާ މަސައްކަތް. އަސްލަށް ބުނަނީނަމަ ޖަޖުކުރަން އެތަނުގައި އިށީނީމަ އެނގޭނީ މިއީ ކިހާ ޓަފް ޖޮބެއްކަން."
ޖަޖުންނަށް ވޯޓްގެ 50 ޕަސެންޓްގެ ބާރު ލިބެން ނުޖެހޭ ކަމަށް ބައެއް ބެލުންތެރިންނާއި ރާއްޖޭގެ މަޝްހޫރު މިއުޒީޝަނުން ބުނަމުން ގެންދާ ވާހަކަ އަށް ރައްދު ދެމުން އައްމަޑޭ ބުނީ އެހެން އެކަން އޮންނަންޖެހޭ ކަމަށްވާ ނަމަ ޖަޖުން ޝޯގައި ތިބުމުގެ ބޭނުމެއް ވެސް ނުފެންނަ ކަމަށެވެ.
"އެހެން ނަމަ ޖަޖުން މިއީ ކީއްކުރަން ބައިތިއްބާފައި ތިބި ބައެއް. މިއީކީ ރާއްޖޭގެ އެހެން މިއުޒީޝަނުން ފާޑުކިޔާވަރުގެ އެއްޗެއް ނޫން. ރާއްޖޭގެ އެހެން މިއުޒީޝަނުންގެ ނަންތައް ވެސް މީގައި ޖަހާފައި އޮތް. އެކަމަކު ކަން ދިމާކުރި ގޮތުން އަޅުގަނޑުމެން ތިން މީހުން ދޯ މީގެ ޖަޖުންނަށް މިތިބީ،" އައްމަޑޭ ބުންޏެވެ.
"މިއުޒީޝަނުންގެ ފާޑުކިޔުން މިއަށް ކިތަންމެ ވަރަކަށް އަމާޒުވިޔަސް (ދިވެހި) މިއުޒީޝަނުންގެ ވަރަށް ބޮޑު ޓީމަކުންނޭ މި ތިން މީހުން ހޮވިފައި މި ތިބީ. އެހެންވީމަ މި ތިން މީހުންނަށް އިތުބާރުކުރާށޭ. ރަނގަޅު ނިންމުމޭ މިކޮޅުން ނިންމަނީ."
ބެލުންތެރިންގެ ސަބަބުން ކުދިންނަށް މަގުއޮޅިދާނެ!
އިއްބެ ބުނީ ޝޯގައި ވާދަކުރާ ކުއްޖެއްގެ ނެތް ހުނަރުވެރިކަމަށް ބެލުންތެރިން ތައުރީފުކުރަން ވެއްޖެ ނަމަ އެ ކުއްޖަކަށް ހަގީގަތް އޮޅި މަގު ވެސް އޮޅިދާނެ ކަމަށެވެ.
"އަޅުގަނޑުމެން އެއްގޮތަކަށް ވެސް ކުއްޖާ ހިއުމިލިއޭޓްކޮށްލަނީކީއެއް ނޫން. އެ ކުއްޖާ އަށް މި ބުނެދެނީ އޭނާގެ ލަވަކިޔުމުގެ ފެންވަރު. ކޮންމެ ގޮތެއް ވިޔަސް މޮޅަށް ކިޔާ ކުއްޖާ ހަމަ ކުރިއަށް ދާނެ،" އިއްބެ ބުންޏެވެ.
"މިހާރު މީގައި ވާގޮތަކީ ބެލުންތެރިން އެގޮތަށް ވާހަކަ ދައްކައި އެ ކުއްޖެއްގެ ނެތް ކަމަކަށް ތައުރީފުކޮށް ހެދުމުން އެ ކުއްޖަކަށް ވެސް މުޅި މަގުއޮޅެނީ. ވަރަށް ބޮޑު ގެއްލުމެއް އެ ދެވެނީ ހަގީގަތުގައި."
އުނޫޝާ ވެސް ބުނީ ކުއްޖެއްގެ ނެތް ފެންވަރަށް ތައުރީފުކުރުމަކީ ނުވަތަ މާ ބޮޑަށް މޮޅުކޮށްލުމަކީ އެ ކުއްޖަކު ހަލާކުވެދާނެ ކަމެއް ކަމަށެވެ.
"ކިޑީ ވެސް މުބާރާތްތަކުގައި ބައިވެރިވެގެން މިހައި ހިސާބަށް އާދެވިފައި މިހުރީ. ޕްރޮފެޝަނަލް ކެރިއާއެއް ވެސް ޗޫޒްކޮށްފައި މިވަނީ. މައި ޕޭރެންޓްސް އަށް ބަލާއިރުގަ، މައި ޕޭރެންޓްސް ދުވަހަކު ވެސް ނުބުނާނެ، ލަވަކިޔާ މީހަކު، އާނ އަދި ރަނގަޅެއް ނޫނޭ ބުނެފިއްޔާމު އެ ވާހަކައެއް ގަބޫލުކުރާނެ،" އުނޫޝާ ބުންޏެވެ.
"އޭގެ ބަދަލުގައި ކުއްޖާ އަށް މާ ބޮޑަށް ބިލީވްކުރުން ވެސް އެއީ އެހާ ރަނގަޅުކަމެއް ނޫން. ކުއްޖާ ސްޕޮއިލްވާނީ ދޯ. ކޮންމެ ގޮތެއްވިޔަސް އެނގޭ ބަޔަކު މި ބުނަނީ ކަމެއްވެގެން. ގޯހިއްޔާމު ގޯހޭ. ދެޓް އިޒް ވައި ވީއާ ދެއާ. އަހަރެމެންގެ ޖޮބް އެއީ. މީހެއް ދެކެ ބިރުން، މަޑުން އިނދެގެން ވަރަށް ރަނގަޅޭ، ވަރަށް ރަނގަޅޭ ނޫން ދޯ އަބަދު ބުނާނީކީ."
އިއްބެ ބުނީ ޖަޖުންނާ ލަވަކިޔާ ކުދިން ޖައްސައިގެން ނުވާނެ ކަމަށާއި ޖަޖުންނަށް އިހްތިރާމް ވެސް ދޭން ޖެހޭނެ ކަމަށެވެ.
"ފާޑުކިޔާ މީހުންނަށް ބުނެލަން ބޭނުންވަނީ ވަރަށް ބޮޑު ގޯސްކަމެކޭ ތިކުރަނީ. ތިކުރާ މަސައްކަތަކީ ލަވަކިޔާ ކުއްޖާ އާއި ޖަޖުންނާ ދެމެދު އޮތް ރެސްޕެކްޓް ގެއްލުވާލުމޭ. ކޮންމެކަމެއްގައި ކުރިއަށް ދިއުމުގެ އެންމެ ބޮޑު އަސްލަކީ އެކަކު އަނެކަކަށް ރެސްޕެކްޓްކުރުން. ޖަޖުންގެ ނިންމުންތަކަށް ވެސް ރެސްޕެކްޓްކުރަން ޖެހޭނެ."