ޑރ. މުހައްމަދު މުއިއްޒު

އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް އެމެރިކާއަށް

އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އދގެ އާންމު ޖަލްސާގެ 79 ވަނަ ސެޝަނާއި ސެކިއުރިޓީ ކައުންސިލްގެ ހާއްސަ ބަހުސެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަދައްކަވާނެ ކަމަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދގެ އާންމު ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި ރާއްޖޭގެ ރައީސަކު އދގެ ސެކިއުރިޓީ ކައުންސިލްގެ ބަހުސެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ހީނާ ވިދާޅުވީ މަޖިލީހުގެ ސެޝަންގެ އިތުރުން ސަމިޓް އޮފް ދަ ފިއުޗާގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަަވާނެ ކަމަށެވެ. އަދި ޕްރިންސްޓަން ޔުނިވަސިޓީގެ ދަރިވަރުންނާ ރައީސް މުއިއްޒު މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.

އދގެ އާންމު މަޖިލީހުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނީ މި މަހުގެ ފަހުކޮޅު އެވެ. އދގެ އާންމު މަޖިލީހުގައި އދގެ 193 މެމްބަރު ގައުމުން ބައިވެރިވާނެ އެވެ.